މެސީ އާއި ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށް ފަހު ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެން ޑައިކް ހޯދައިފި

ލިއޮނެލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ފަހަތަށް ޖައްސާލުމަށް ފަހު، ޔޫރަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިވަޕޫލްގެ ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކް ހޯދައިފިއެވެ.

ޔޫއެފާ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ވެން ޑައިކްއާ ހަވާލުކޮށްފައިވަނީ ފްރާންސްގެ މޮނާކޯގައި މިރޭ ބޭއްވި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރުނެގުމުގެ ރަސްމިއްޔާތުގައެވެ. މޮޅު ކުޅުންތެރިޔާގެ މަގާމްގެ އިތުރުން ޔޫރަޕްގެ އެންމެ މޮޅު ޑިފެންޑަރުގެ މަގާމް ވެސް ލިބިފައިވަނީ ވެން ޑައިކަށެވެ.

މިދިޔަ ސީޒަނުގައި ލިވަޕޫލާ އެކު ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ އިތުރުން ވެން ޑައިކް ވަނީ ނެދަލެންޑްސްއާ އެކު ޔޫއެފާ ނޭޝަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފަ އެވެ. މިއީ 2005 ވަނަ އަހަރު ސްޓީވެން ޖެރާޑް ޔޫއެފާގެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދިފަހުން ލިވަޕޫލްގެ ކުޅުންތެރިއަކަށް މި އެވޯޑް ލިބުނު ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން ވެން ޑައިކް ވެފައިވަނީ ނެދަލެންޑްސްގެ ތާރީހުގައި މި އެވޯޑް ހޯދި ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ޔޫއެފާ އެންމެ މޮޅު ގޯލްކީޕަރުގެ އެވޯޑު ހޯދީ ލިވަޕޫލްގެ ބްރެޒިލް ކީޕަރު އެލިސަން ބެކާއެވެ. އެންމެ މޮޅު މިޑްފީލްޑަރަކަށް މިދިޔަ ސީޒަނުގައި އަޔެކްސްއަށް ކުޅުނު ފްރޭންކީ ޑި ޔޮންގް ހޮވުނު އިރު، އެންމެ މޮޅު ފޯވަޑަކަށް ހޮވުނީ މެސީއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!