ލީގަލް މަރުޖުއާނާ ރާއްޖޭގައި ހުއްދަކުރަން ނުވިސްނަނީ ކީތްވެތޯ: ޖާބިރު

ދިވެހިރާއްޖޭގައި “ލީގަލް މަރުޖުއާނާ” ހުއްދަކުރަން ނުވިސްނަނީ ކީތްވެގެންކަމާ މެދުގައި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ އާއި ސުވާލުކޮށްފިއެވެ.

އެސުވާލުގެ ޖަވާބުގައި މިނިސްޓަރ އިމްރާން ވިދާޅުވީ އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ އެއްވެސް ކަމެއް ރާއްޖޭގައި ހުއްދަ ނުކުރެވޭނެ ކަމަށެވެ.

“އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ އެއްވެސް ކަމެއް ހުއްދައެއް ނުކުރެވޭނެ. ރާއްޖޭގައި ހުއްދަ ކުރެވޭނެ އެއްޗެއްސާއި ހުއްދަ ނުކުރެވޭނެ އެއްޗެހި ނިންމާނީ ރައްޔިތުންގެ މަޖިލީހުން. މަސްތުވާތަކެތީގެ ވަބާ އިން ރާއްޖެ ސަލާމަތް ކުރުމަށް ކުރަން ޖެހޭ ކަންކަން ރައްޔިތުންގެ މަޖިލީހުން ނިންމާ، އެކަންކަން ކަމާބެހޭ ފަރާތްތަކަށް އަންގަވާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަނީ.” އިމްރާން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރ ދެއްވަމުން ގެންދެވި ޖަވާބާއި ހިތްހަމަ ޖެހިވަޑައިނުގަނެ ކާށިދޫ ދާއިރާގެ މެންބަރު ވަނީ މަޖިލީހުގައި އަޑުގަދަކުރައްވާފައެވެ. ރިޔާސަތުން ޖާބިރުގެ މައިކްގެ އަޑު ކަނޑާލާފައިވީނަމަވެސް ޖާބިރު ވިދާޅުވި ބައެއް ބަސްތައް ސާފުވެފައެވެ.

ސިއްހީ ބޭނުންތަކަށް ކަމަށް ބުނެ ދުނިޔޭގެ ބައެއް ގައުމުތަކުގައި މަރުޖުއާނާ ހުއްދަ ކޮށްފައިވެއެވެ. ނަމަވެސް އިސްލާމީ އެއްވެސް ގައުމެއްގައި އަދި މިހާތަނަށް ސިއްހީ ބޭނުމަކަށް ވެސް ނުވަތަ އެނޫން ބޭނުމަކަށް ވެސް މަރުޖުއާނާ ހުއްދަ ކޮށްފައެއް ނުވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!