ރެއިލް ސްޓޭޝަނުގައި ލަވައެއް ކިޔައިގެން މަޝްހޫރުވި މީހާ އަށް ސަލްމާނުގެ ފަރާތުން ގެއެއް

އިންޑިއާގެ ކޮލްކަތާގެ ރެއިލްވޭ ސްޓޭޝަނެއްގެ ބޭރުގައި އިނދެ މަގްބޫލު ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރުގެ ލަވައެއް ކަމަށްވާ “އެކް ޕިޔާރު ކަ ނަގްމާ ހޭ” ލަވަ ކިޔައިގެން ގިނަ ބައެއްގެ ސަމާލުކަން ލިބުނު އަންހެނެއް ކަމަށްވާ ރާނޫ މޮންޑަލްއަށް 55 ލައްކަ ރުޕީސްގެ ގެއެއް ސަލްމާން ހާނު ހަދިޔާކޮށްފި އެވެ. 


އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެމީހާގެ ހުނަރު ފެނި ސަލްމާން ހުރީ ވަރަށް ބޮޑަށް “އިމްޕްރެސް” ވެފައެވެ. އެހެންވެ ހަދިޔާއެއްގެ ގޮތުގައި އެމީހާއަށް ގެއެއް ހަދިޔާ ކުރަން ބޭނުންވީއެވެ. 

ކަލްކަތާގެ ރޭލު ސްޓޭޝަނެއްގައި ލަތާ މަންގޭޝްކަރުގެ ހިތްގައިމު ލަވައެއް ކިޔަނިކޮށް މީހަކު ވީޑިއޯކޮށް ސޯޝަލް މީޑިއާގައި އާންމުކުރުމުން އޭނާގެ އަޑުގެ ރީތިކަން އެތައް ބަޔަކަށް ފާހަގަކުރެވިގެން ރާނޫ ވަނީ އިންޓަނެޓްގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ތަރިއަކަށް ވެފަ އެވެ.

މިއާ އެކު އޭނާ ލަވައެއް ރިކޯޑް ކުރަން ފުރަތަމަ ފުރުސަތު ދިނީ މިއުޒިކް ޑައިރެކްޓަރު/އެކްޓަރު/ޕްރޮޑިއުސަރު ހިމޭޝް ރޭޝަމިޔާ އެވެ. އަންނަ މަހު ރިލީޒްކުރާ އޭނާގެ ފިލްމު “ހެޕީ ހާޑީ އެންޑް ހީރު” ގެ ޑުއެޓް ލަވައެއް، ރާނޫ ވަނީ ހިމޭޝްއާ އެކު ރިކޯޑްކޮށްފަ އެވެ.

ރާނޫ، 60، އަކީ ފިރިމަރުވެފައިވާ ދެ ކުދިން ތިބި މައެކެވެ. އެކަމަކު ދަރިން ވަނީ މީގެ އަހަރުތަކެއް ކުރިން އޭނާ ދޫކޮށްލައިފަ އެވެ. އޭގެ ފަހުން ރާނޫ ބަނޑުފުރާމުއްތި ކުރަމުން ދިޔައީ ރޭލު ސްޓޭޝަނުގައި މީހުން ދިއްކޮށްލާ އެހީންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!