ޕީއެންސީ އުވާލުމާ މެދު އަދި ގޮތެއް ނުނިންމާ: އަދުރޭ

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އުވާލުމާ މެދު އަދި ގޮތެއް ނުނިމޭ ކަމަށް އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމަށް ދިމާވި ގާނޫނީ މައްސަލަތަކާ ހެދި ޕީއެންސީ އުފެއްދެވީ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީ އުވާލުމާ މެދު ޕާޓީގެ އިސް ބޭފުޅުންގެ މެދުގައި ވާހަކަ ދެކެވިފައިވާ ކަމަށެވެ. އެކަމާ މެދު ގޮތެއް ނިންމާނީ ޕީއެންސީއާ އެކު ކޯލިޝަން ހަދާފައިވާ ޕީޕީއެމްގެ ކައުންސިލާ ވެސް މަޝްވަރާކޮށްގެން ކަމަށް ވިދާޅުވި އެވެ.

“ދެ ޕާޓީ އެކުގައި ކުރިއަށް ގެންދަންވީމަ ދިމާވެދާނެ އުނދަގޫތަކެއްގެ ވާހަކަ ދެކެވެމުން ދަނީ. ފައިނަލް ޑިސިޝަނަކާ ހަމައަކަށް އަދި ނުދެވޭ،” އޭނާ ވިދާޅުވި އެވެ.

ޕީޕީއެމްގައި އިސްކޮށް މަސައްކަތް ކުރެއްވި މެމްބަރުންތަކެއް ދާދި ފަހުން ވަނީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަކިވެވަޑައިގެން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ. އޭގެތެރޭގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަހްމަދު ނިހާނާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފަކީ، ޑީއާރުޕީގައި އަދި ފަހުން ޕީޕީއެމްގައި ވެސް ހަރަކާތްތެރި، ޚިދުމަތްތަކެއް ކޮށްދެއްވި ދެ ބޭފުޅުން ކަން އަދުރޭ ފާހަގަކުރެއްވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!