އިތުބާރު ނެތް ކަމުގެ ވޯޓް ނަގައި، ތިނަދޫ ކައުންސިލްގެ ރައީސް ވަކިކޮށްފި

ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުގެ ރައީސް އިބްރާހީމް އައްސަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ވަކިކޮށްފި އެވެ. 


ތިނަދޫ ކައުންސިލްގެ ރައީސް އައްސަދްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާފައި ވަނީ މިއަދު އޮތް ކައުންސިލްގެ ބައްދަލުވުމުގައެވެ. އައްސަދް މަގާމުން ވަކިކޮށްފައި ވަނީ ނައިބު ރައީސްގެ އިތުރުން ބާކީ ތިބި ތިން މެމްބަރުންގެ ވެސް އިއްތިފާގުންނެވެ.

ތިނަދޫ ކައުންސިލް މެމްބަރު އަލީ އަމްޖަދު ވިދާޅުވީ ކައުންސިލްގެ ރައީސް މަގާމުން ވަކިކުރީ، ކައުންސިލްގެ އެހެން މެމްބަރުންނާ އޮތް ގުޅުން ކުޑަވުމުގެ ސަބަބަބުން ކަމަށެވެ. ކައުންސިލް ހިންގުމުގެ ކަންކަން ރަނގަޅު ކުރުމަށް ކައުންސިލްގެ ރައީސަށް 30 ދުވަހުގެ ނޯޓިސް އެއް ވެސް މިދިޔަ ޖުލައި މަހު ދީފައި ވާނެ ކަމަށް އަމްޖަދް ވިދާޅުވި އެވެ.

އަމްޖަދު ވިދާޅުވީ ކައުންސިލްގެ ކަންކަމުގައި ރައީސް އައްސަދާ މަޝްވަރާ ކުރަން މަސައްކަތް ކުރި ނަމަވެސް އެކަން ވަނީ ނާކާމިޔާބުވެފައި ކަމަށެވެ. އެހެން މެމްބަރުންގެ އަޑު އައްސަދު ނާއްސަވާ ކަމަށާއި، ވާހަކަދައްކަން މަސައްކަތް ކުރުމުން ފޯނު ކޯލެއް އައިސްގެން ދާން ޖެހުން ފަދަ ބަހަނާތައް އައްސަދު ދައްކަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ތިނަދޫ ކައުންސިލްގެ ރައީސް އައްސަދު ކައުންސިލް ކަމަށް ދެ ފަހަރު ވަނީ އިންތިހާބުވެފަ އެވެ. ތިނަދޫ ކައުންސިލްގެ ފަސް މެމްބަރުން ވެސް ނިސްބަތް ވަނީ ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!