އަނެއްކާވެސް ނަމާދަށްހުއްޓާ ފޯން ވަގަށް ނަގައިފި

މާލޭ މިސްކިތެއްގައި ނަމާދަށް ހުރި މީހެއްގެ އައިފޯނެއް އަނެއްކާވެސް ވަގަށް ނަގައިފިއެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާ ހިނގާފައިވަނީ 2019 އޮގަސްޓް 26 ވަނަ ދުވަހުގެ އަޞުރު ނަމާދު ވަގުތު ކަމަށެވެ. އަޞުރު ނަމާދަށް ހުރި މީހާގެ އަތުން “އައިފޯން އެކްސް އާރު” ވަގަށް ނަގައިގެން 16:47 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

“މި މަޢުލޫމާތު ލިބުމާއެކު ސީސީޓީވީ ފޫޓޭޖްތައް ބަލައިގެން ފުލުހުން ކުރި މަސައްކަތުން، 27 އޮގަސްޓް 2019 ވަނަ ދުވަހުގެ ރޭ އެ ފޯނު އެހެން މީހަކަށް ވިއްކާލާފައިވަނިކޮށް އެ ފޯނު އަނބުރާ ހޯދައި، ވެރިފަރާތަށް ހަވާލުކޮށްފައިވޭ.” ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތް މިސްކިތުން ފޯނު ވަގަށް ނަގާފައި އެހެން މީހަކަށް އެފޯނު ވިއްކާލި ފަހުން މަސްތުވާތަކެތީގެ މައްސަލައެއްގައި 27 އޮގަސްޓް 2019 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، ފޯނު ވަގަށް ނެގި މައްސަލައާއި، މަސްތުވާތަކެތީގެ މައްސަލަވެސް ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!