އުކުޅަސް ޓެކް ފެއަރ ފަށައިފި

އއ. އުކުޅަސްގައި ތިން ދުވަހުގެ މުއްދަތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އުކުޅަސް ޓެކް ފެއަރ 2019 ފަށައިފިއެވެ.

ސައިންސްވެރިންގެ ކޮންފަރެންސާއި ޓެކް ފެއާ ރަސްމީކޮށް ފައްޓަވައިދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އެ ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ މިއީ ސައިންސާއި ޓެކްނޮލޮޖީގެ ޒަމާންކަމަށާއި މަސައްކަތް ހަލުވިކުރުމަށާއި މަސައްކަތްތައް ފަސޭހަކުރުމަށް ބޭނުންވަނީ ސައިންސާއި ޓެކްނޮލޮޖީ ކަމަށެވެ.

“އަޅުގަނޑުމެންގެ ގިނަ ރަށްތަކެއް ހިމެނޭ ގޮތަށް އުފެދިފައިވާ މި ޖަޒީރާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމުގައި ތަރައްގީއާ ބައިވެރިވުމުގައި ޓެކްނޮލޮޖީގެ ދައުރު ވަރަށް ބޮޑު،” ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވަނީ ތާރީހާ ތަރިކައާއި ސަގާފަތް ރައްކާތެރިކޮށް ހިމާޔަތް ކުރުމަށް ޓެކްނޮލޮޖީގެ ދައުރު ބޮޑުކަމަށް ފާހަގަ ކުރައްވާފައެވެ. އަދި އިލްމީ ބަހުސްތައް ކުރުމަށް ރާއްޖެއަށް އާ ދޮރެއް ހުޅުވިގެން ގޮސްފި ކަމަށާއި މީގެ ސަބަބުން އަތޮޅު ތަކަށާއި ރަށްތަކަށް އިގްތިސާދީ އަދި އިޖްތިމާއީ ފައިދާކުރާނެ ކަމުގައެވެ.

މި ރަސްމިއްޔާތު ހުޅުއްވައިދެއްވާ ވާހަކަ ދައްކަވަމުން، ފެއަރ އިންތިޒާމްކޮށް ކުރިއަށް ގެންދާ އުގެއިލް ފައުންޑޭޝަންގެ ފަރާތުން، ޕްރޮފެސަރ ހަސަން އުގައިލް ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިފަދަ ބޮޑު މަހާސިންތާއެއް ބޭއްވޭނީ ވަރަށް ހިކުމަތްތެރި ބަޔަކަށް ކަމަށާއި ބައިނަލް އަގްވާމީ މިފަދަ މަހާސިންތާއެއް ރާއްޖެ ފަދަ ޖަޒީރާ ގައުމެއްގައިވެސް ބޭއްވޭނެކަން މި މަހާސިންތާއިން ހާމަވެގެން ދާ ކަމުގައެވެ. އަދި ފުއްނާބު އުސް ސައިންސްވެރިން އެއްތަނަކަށް އެއްކޮށް ބޮޑު މަހާސިންތާއެއް ބޭއްވުމަށް ބޭނުންވާނީ ކެރޭ ރައްޔިތުންނާ އެއްބާރުލުން ދޭނެ ސަރުކާރެއްކަމުގައި ޕްރޮފެސަރ އުގެއިލް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ މަލީހް ޖަމާލް ވިދާޅުވީ ކުރިއަށް އޮތް އަހަރު ތަކުގެ ތެރޭގައި އުކުޅަސް ވެގެން ދާނީ އީ ކައުންސިލް އަދި އީ ފާސް ބޭނުންކުރާ ރަށަކަށް ކަމުގައެވެ.

މިއަދު ފެށި އުކުޅަސް ޓެކް ފެއާރ ގައި އުރީދޫ، ދަމާސް، ވެމްކޯ، ފޮރ ލޫޕް ކޯޑިންގް އެކަޑަމީ، އޯޕަން ސޯރސް ސޮސައިޓީ، ލެޓްސް ގޯ މޯލްޑިވްސް، ސަމަރ އައިލެންޑް މޯލްޑިވްސްގެ އިތުރުން ސަރުކާރުގެ މިނިސްޓްރީތައް ކަމަށް ވާ މިނިސްޓްރީ އޮފް ޓޫރިޒަމް، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިނސް އެންޑް ޓެކްނޮލޮޖީ، މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް، މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް ހެލްތް އަދި ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، ޑިޕަރޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިތުރުން ސްޕެއިންގެ ޔުނިވަރސިޓީ އޮފް ކަންޓަބްރިއާ އާއި ލިތުއޭނިއާގެ އިންޑެފޯރމް ލިމިޓެޑް އާއި އެމެރިކާގެ ކްލައުޑް ބެޑްސްގެ ސްޓޯލްތައް ފެއަރ އިން ފެނިގެންދާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!