ފޮޓޯ: ގޫގުލް

ބޮޑު އަގުގައި ޓެކްސީކޮށްގެން 3 ފަހަރު ޖޫރިމަނާކޮށްފިނަމަ ލައިސެންސް ބާޠިލުކުރަނީ

ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަށްވުރެ ބޮޑު އަގުގައި ޓެކްސީ ދަތުރުކޮށްގެން 3 ފަހަރު ޖޫރިމަނާކޮށްފިނަމަ، އެ ފަރާތެއްގެ ޓެކްސީ ޚިދުމަތް ދިނުމުގެ ލައިސަންސް ބާޠިލުކުރާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ. 

ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވީ، މާލޭ ސަރަހައްދުގައި ޓެކްސީ ޚިދުމަތްދިނުމަށް ސަރުކާރުން ހަމަޖައްސާފައިވާ އަގަށްވުރެ ބޮޑު އަގު ޓެކްސީ ދުއްވާ ފަރާތްތަކުން ނަގަމުންދާކަމުގެ ޝަކުވާ އެ އޮތޯރިޓީއަށް ލިބެމުންދާކަމަށެވެ. އެހެންކަމުން ސަރުކާރުން ހަމަޖައްސާފައިވާ އަގާއި ޚިލާފަށް ބޮޑު އަގު ނަގާ ފަރާތްތައް “އެއްގަމު ދަތުރުފަތުރުގެ ޤާނޫނު”ގެ 48 ވަނަ މާއްދާގެ ދަށުން ޖޫރިމަނާ ކުރާނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވިއެވެ. އަދި އެއް އަހަރު ދުވަހުގެ ތެރޭގައި ތިންފަހަރަށްވުރެ އިތުރަށް މިފަދަ ކުށެއް ތަކުރާރުކޮށްފިނަމަ، އެ ފަރާތެއްގެ ޓެކްސީގެ ޚިދުމަތް ދިނުމުގެ ލައިސަންސް ބާޠިލްކުރާނެކަމަށްވެސް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވެއެވެ. 

މާލެ ތެރެއާއި، މާލެއިން ހުޅުލެއަށް އަދި މާލެއިން ހުޅުމާލެއަށް ޓެކްސް ދަތުރުކުރެވޭނެ އަގުތަކެއް ކަނޑައަޅާ، އެއަށް ޢަމަލުކުރަން ފަށާފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ. ޓެކްސީ ޚިދުމަތުގެ އަގަށް ގެނައި ބަދަލުތަކުގެ ތެރޭގައި، މާލެއިން ހުޅުލެއަށް، ހުޅުލެއިން މާލެއަށް، ހުޅުމާލެއިން ހުޅުލެއަށް އަދި ހުޅުލެއިން ހުޅުމާލެއަށް ކުރާ ދަތުރުތަކުގެ އަގު 60 ރުފިޔާއަށް ވަނީ ކަނޑައަޅާފައެވެ. އަދި މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކުރާ ދަތުރުތަކުގެ އަގު 75 ރުފިޔާއަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް މާލެތެރޭގައި ކުރާ ދަތުރުތަކަށް ކުރިއެކޭވެސް އެއްފަދައިން 25 ރުފިޔާ ޖާޖުކުރެވޭނެއެވެ. 

އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައިވާގޮތަށް، ކަނޑައަޅާފައިވާ އަގަށްވުރެ އިތުރަށް އަގުނަމާނަމަ 750 ރުފިޔާއިން ޖޫރިމަނާކުރާނެކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ މީގެކުރިން ވިދާޅުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!