މަސްވެރިކަމާބެހޭ އައު ބިލާއެކު ތަފްސީލީ ޤަވާއިދުތަކެއް ގެޒެޓުކުރެވޭނެ: މިނިސްޓްރީ

މަސްވެރިކަމާބެހޭ ބިލަށް 32 އަހަރުވެފައިވާއިރު، އައު ބިލު ތަސްދީޤުވުމާއެކު އެކަމާ ގުޅޭ ތަފްސީލީ ޤަވާއިދުތައް ގެޒެޓުކުރެވިގެންދާނެ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން މަސްވެރިކަމާ ބެހޭ ބިލެއް ހުށަހަޅާފައި ވާއިރު ގިނަ މަސްވެރީންގެ ޝަކުވާތައް އެ ބިލަށް ދަނީ އަމާޒުވަމުންނެވެ. ޕެންޝަނާއި މަސްވެރިންގެ ފައިދާއަށް އެއްވެސް ކަމެއް ހިމަނާފައިވާ ނުވާ ކަމަށް ބުނެ އެމީހުން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

މިހާރު އަމަލު ކުރަމުންދާ މަސްވެރިކަމާބެހޭ ޤާނޫނު ޒަމާނަށް ނުފެތޭކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރާއިރު، އާދިއްތަ ދުވަހު ފިޝަރީޒް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓްރީގެ ފިޝަރީޒް ކޮމްޕްލައިންޓް ސެކްޝަންގެ ހެޑް އާދަމް ޒިޔާދު ވިދާޅުވީ، މަސްވެރިކަމާބެހޭ އައު ބިލުގައި ޕެންޝަނާއި މަސްވެރިންގެ ފައިދާއަށް އެއްވެސް ކަމެއް ހިމަނާފައިވާ ނުވާ ކަމަށް ބުނެ، އަދި ތަފްސީލީ މައުލޫމާތުތައް ހިމެނިފައިނުވާކަމުގެ ޝަކުވާ ބައެއް ފަރާތްތަކުން ކުރަމުންދާ ކަމަށެވެ.

އެ ކަންކަން ހިމަނާފައި ނެތް ނަމަވެސް، މަސްވެރިންގެ އަދި ސިނާއަތުގެ ބައެއް ފަރާތްތަކުގެ ވެސް ހައްގުތައް ރައްކާތެރި ކުރުމަށްޓަކައި، މަސްވެރިކަމާއި ގުޅުން ހުރި ގަވާއިދު ހެދުމުގައި އަދި ތަންފީޒު ކުރުމުގައި މިނިސްޓްރީގެ ފަރާތުން ބަލަންޖެހޭ އަދި ކުރަންޖެހޭ ކަންކަން އެ ބިލުގައި ފާހަގަކޮށްފައި ވާނެ ކަމަށް ޒިޔާދު ވިދާޅުވެފައި ވެއެވެ.

މި ބިލުގައި ހިމެނޭ ބައެއް ކަންކަމާ ގުޅޭގޮތުން އާންމުންނަށް އޮޅުން އަރާފައިވާ ބައެއް ކަންކަން މިނިސްޓްރީން ސާފުކޮށްދީފައިވާއިރު، ކޯޓު އަމުރެއް ނެތި މަސް ޕްރޮސެސް ކުރާ ތަންތަނަށް ވަދުމުގެ ހުއްދަ ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ލިބުމާގުޅޭގޮތުން މިނިސްޓްރީން ބުނީ، އެއީ ގިނަ ޤައުމުތަކުގައި އެކަން އޮންނަ ގޮތް ކަމަށާއި، އޭގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ހައްޤަކަށް އުނިކަމެއް ނާންނާނެ ކަމަށެވެ. އަދި ޤާނޫނުތަކާއި ޤަވާއިދުތަކާ އެއްގޮތަށް މި ސިނާއަތު ހިންގުމަށް އެހީއަކަށްވެގެންދާނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!