އައިއޯއައިޖީ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެ ވަޑައިގެންފި

މޮރިޝަސްގެ ދައުވަތަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މޮރިޝަސްއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އެ ގައުމުގައި މިއަދު ފެށި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފި އެވެ.

މޮރިޝަސްގެ ޕޯޓް ލުއީގައި މިއަދު ފެށި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2019 ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެންނެވީ މި މުބާރާތުގައި ބައިވެރިވާ ދިވެހި އެތުލީޓުންނަށް ހިތްވަރުދެއްވުމުގެ ގޮތުންނެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ކުރިއަށްދާ އެކި ކުޅިވަރުތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވައިލެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގެ 14 ކުޅިވަރެއްގައި ރާއްޖެއިން މިފަހަރު ބައިވެރިވެއެވެ.

ބައިނަލްއަޤްވާމީ މުބާރާތަކުން ރާއްޖެއަށް އެންމެ ފުރަތަމަ މެޑެއްޔެއް ލިބުނީ، މީގެ 40 އަހަރު ކުރިން އެންމެ ފުރަތަމަ ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، ކުޅިވަރު މުބާރާތުންނެވެ. ރާއްޖެއަކީ މި މުބާރާތުގެ ފައުންޑަރ މެންބަރު ޤައުމެއްވެސް މެއެވެ. މީގެއިތުރުން ރާއްޖެއިން އަންނަނީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!