އާ ހިދުމަތްތަކާއެކު ކުޑަކުދިންގެ މަލްޓިމީޑީއާ ލައިބްރަރީ އަލުން ހުޅުވައިފި

އާ ހިދުމަތްތަކާއެކު ކުޑަކުދިންގެ މަލްޓިމީޑީއާ ލައިބްރަރީ އަލުން ހުޅުވައިފިއެވެ.

މިއަދު ހަވީރު އެ ލައިބްރަރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ލައިބްރަރީ ހުޅުއްވައިދެއްވީ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނެވެ.

ޗިލްޑްރަންސް މަލްޓި މީޑިއާ ލައިބްރަރީ ހުޅުއްވާ ދެއްވާ ވާހަކަދައްކަވަމުން ހެރިޓެޖް މިނިސްޓަރ ޔުމްނާ ވަނީ ފޮތް ކިއުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ފޮތަކީ ކުދިންގެ ޚިޔާލު ތަނަވަސްވެ ސިކުނޑި ހުޅުވޭކަމެއްކަން މިނިސްޓަރ ޔުމްނާ ފާހަގަކުރެއްވިއެވެ. ދިވެހި ޒުވާން ޖީލަކީ ފޮތާއި ރައްޓެހި ބަޔަކަށް ހެދުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރެއްވުމަށް ނިންމަވާފައިވާކަމަށް ވެސް ޔުމްނާ މައުމޫން މި ހަފްލާގައި ވާހަކަދައްކަވަމުން ވަނީ ވިދާޅުވެފައެވެ.

ޗިލްޑްރަންސް މަލްޓި މީޑިއާ ލައިބްރަރީއަކީ ޤައުމީ ކުތުބުޚާނާގެ ދަށުން ހިންގާ ތަނެކެވެ. އެހެންނަމަވެސް ވޭތުވެ ދިޔަ ތަނުގައި މި ލައިބްރަރީއަށް އަޅާނުލާ ދޫކޮށްލުމުގެ ސަބަބުން މި ތަން ހިންގުމުގައި ވަނީ ބޮޑެތި ދަތިތަކާއި ކުރިމަތިވެފައެވެ. އެގޮތުން މި މައްސަލަތަށް ދިގުދެމި ހައްލުނުވެ ހުރުމުގެ ސަބަބުން މި ލައިބްރަރީވަނީ ވޭތުވެ ދިޔަ 8 މަސްދުވަހު ބޭނުންނުކޮށް ބަންދުކޮށްފައެވެ. 

ޗިލްޑްރަންސް މަލްޓި މީޑިއާ ލައިބްރަރީ މަރާމާތުކޮށް އަލުން ހުޅުއްވާފައިވާއިރު، މި އިމާރާތުގައި ކުރިން ކުޑަކުދިންނަށް ޙާއްސަ ކިޑީ ކޯނަރ އިމާރާތުގެ އެންމެ މަތީ ފަންގިފިލާގައި ހުރިހުރުން ބަދަލުކޮށް، ކުދިންގެ ރައްކާތެރިކަމަށްޓަކައި ގްރައުންޑު ފްލޯއަށް ވަނީ ބަދަލުކޮށްފައެވެ. މީގެ އިތުރުން ކުދިން އައިސް ކިޔަވަން ތިބެވޭ ސްޓަޑީ ކޯނަރ އެއް ތަރައްޤީކޮށްފައިވާއިރު، ކުޑަކުދިންނާއި ގުޅޭ ފިލްމު އެޅުވުމަށް ތިއޭޓަރެއްވަނީ ޤާއިމުކޮށްފައެވެ. މި ލައިބްރަރީގައި ދިވެހި އަދި އިނގިރޭސި ސެކްޝަން ވަކިކޮށްފައިވާއިރު، މަރާމާތުކުރުމަށްފަހު ލައިބްރަރީ ހުޅުވިއިރު އެ ލައިބްރަރީއަށް 2 ހާހަށްވުރެ ގިނަ ފޮތް ވަނީ ހަދިޔާކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!