ޖޭއެސްސީއަށް ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ބާ ކައުންސިލް އުފެއްދި ޤާނޫނުގެ ބާއްވަންޖެހޭ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބު ޖުލައި 27 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމާ، އެއިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް އިންތިޚާބު ބާއްވަނީ ބާ ކައުންސިލް އުފެއްދި ގާނޫނާ އެކު ކުރިން ޖުޑީޝަލް ސަރވިސް ކޮމިޝަންގައި ކުރިން އިންނެވި ޤާނޫނީ ވަކީލް ލަތީފާ ގާސިމްގެ މަގާމު ގެއްލުމުންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު ހޮވުމަށް ބާއްވާ އިންތިޚާބަށް ކުރިމަތިލުމަށް އެދޭ މީހުން އެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ޖުލައި 23 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ޖޭއެސްސީން ހުސްވެފައިވާ މަގާމަށް ކުރިމަތިލާން އެދޭ ފޯމް ދޫކުރަނީ އެ އިންތިހާބަށްޓަކައި ބާ ޖަމާލުއްދީންގައި ގާއިމްކޮށްފައިވާ މަރުކަޒުންނެވެ. ފޯމާއި ތަކެތި ބަލައިގަންނާނީ ވެސް އެތަނުންނެވެ.

ޖޭއެސްސީގެ މެމްބަރުކަމަށް ކުރިމަތިލެވޭނީ އެ ކޮމިޝަން އުފެއްދި ގާނޫނު (ގާނޫނު ނަމްބަރު 10/2008) ގައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށެވެ. އެ ޝަރުތުތަކަކީ:

ހ- މުސްލިމަކު ކަމުގައިވުން

ށ- ދިވެހި ރައްޔިތަކު ކަމުގައިވުން

ނ- އުމުރުން 25 އަހަރު ވެފައިވުން

ރ- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް، ނުވަތަ ޚިޔާނާތުގެ ކުށެއް، ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

ބ- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިޙާބުކުރެވޭ ނުވަތަ އައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން.

ޅ- ސިޔާސީ ޕާޓީއެއްގެ މެންބަރު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހެއް ކަމުގައި ނުވުން.

ކ- ބުއްދި ސަލާމަތުން ހުރުން.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!