އެބޯލާ ވައިރަހުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަންފަށާފައިވާ ކަމަށް އެޗްޕީއޭ ބުނެފި

ޑިމޮކްރަޓިލް ރިޕަބްލިކް އޮފް ކޮންގޯ (ޑީ.އާރް.ސީ) ގައި މިހާރު ފެތުރެމުންދާ އެބޯލާ ރޯގާ، ރާއްޖެއާ ހަމައަށް ފެތުރުމުގެ ފުރުސަތު އަދި ކުޑަ ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިއްޔެ ބުނެފި އެވެ.

އެޗްޕީއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ދިވެހިރާއްޖެއަށް ބަލި އައުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަތުމަށް މިހާރު ހެދިފައިވާ ރިސްކް އެސެސްމެންޓަށް ބަލާއިރު ރާއްޖެއަށް ބަލި އައުމުގެ ފުރުސަތު އަދި ކުޑަ ކަމަށް ފާހަގަކުރެވޭ ކަމަށެވެ. 

މިފަދަ އެމަޖެންސީއެއް ރާއްޖެއަށް ކުރިމަތި ވެއްޖެނަމަ އަމަލުކުރާނެ ގޮތުގެ ރެސްޕޮންސް ޕްލޭނެއް ތައްޔާރުކޮށް ކަމާގުޅޭ ފަރާތްތަކާ އެކު ހިއްސާކުރެވިފައިވާ ކަމަށް އެޗްޕީއޭ އިން މައުލޫމާތުދެއެވެ. ސިއްހީ ދާއިރާގެ ހެލްތް އިމަރޖެންސީ ކޯޑިނޭޝަން ކޮމިޓީގައި ސިއްހީ ދާއިރާއިން ވާންވީ ތައްޔާރިތަކާ ބެހޭގޮތުން މަޝްވަރާ ކުރެވިފައިވާ ކަމަށާއި އައި.އެޗް.އާރް ކޮމިޓީ އާއި ބައްދަލުކޮށް ކަމާގުޅޭ ދާއިރާތަކުން ވާންޖެހޭ ތައްޔާރީތަކާއި އަޅަންޖެހޭ ފިޔަވަޅުތަކާ މައުލޫމާތުތައް ވެސް ހިއްސާ ކުރެވިފައިވާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން އިތުރަށް ބުނެފައިވަނީ މި ބައްޔާބެހޭގޮތުން ކުރިއަށް ގެންދެވޭ މަސައްކަތްތަކާއި ހާލަތު ގާތުން ބަލަމުންގެންދާ ކަމުގައެވެ. އަދި މި ބައްޔަށް ޝައްކުކުރެވިއްޖެނަމަ އަމަލު ކުރާނެ ގޮތުގެ އުސޫލުތައް މުރާޖާކޮށް ކަމާބެހޭ ފަރާތްތަކުން އެ އުސޫލުތަކަށް އަހުލުވެރިކުރުވުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!