ފޮޓޯ: ޕީއެސްއެމް

ރީޔޫނިއަން އަތުން 0-4 ގެ ނަތީޖާއިން ރާއްޖެ ބަލިވެއްޖެ

އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގައި ރީޔޫނިއަން އަތުން 0-4 ގެ ނަތީޖާއިން ރާއްޖޭ ގައުމީ ފުޓުބޯޅަ ޓީމު ބަލިވި މެޗުގައި މައްސަލަ ދިމާވީ ކައިކައިރީގައި ދެ ލަނޑު ވަނުމުން ކަމަށް ގައުމީ ކޯޗު ޕީޓަރ ސެގާޓް ބުނެފިއެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅެން ދިޔައީ ދިވެހިރާއްޖެއިންނެވެ. އެހެންނަމަވެސް މެޗުގެ 30 ވަނަ މިނެޓުގައި ރެޔޫނިއަންގެ އަންޖީ ވަޑަޕިން ވަނީ ގޯލެއް ޖަހައި ރެޔޫނިއަންއަށް ލީޑް ނަގައިދީފައެވެ. އިސްކޮޅުން ދިގު އަދި ހަށިގަނޑުން ވަރުގަދަ ކުޅުންތެރިން ކައިރީގައި ދިވެހި ކުޅުންތެރިންނަށް މަތިން ކުޅޭ ބޯޅަތައް ލިބޭ ގޮތެއް ނުވެއެވެ. ނަތީޖާއަކަށްވީ ފުރަތަމަ ލަނޑު ޖެހިތާ ދެ މިނެޓު ފަހުން ރެޔޫނިއަންއިން އިތުރު ލަނޑެއް ޖެހުމެވެ. ރެޔޫނިއަންގެ އަކްބަރު އައްސޫމާނީ ދެ ކުޅުންތެރިން ކައިރިން ނައްޓާލާފައި ނެގި ހުރަސް ކެޕްޓަން މިޝޭލް ފޮންޓެއިން ފޮނުވާލީ ގޯލުގެ ކަނަށެވެ. 

ފުރަތަމަ ހާފުގައި ދިވެހި ޓީމުން އެންމެ ރަނގަޅު ހަމަލާއެއް އުފެއްދީ ނާއިޒު ހަސަންއެވެ. ރެޔޫނިއަންގެ 3 ކުޅުންތެރިން ބީޓްކޮށްލާފައި އޭރިއާ ތެރެއަށްވަދެ އޭނާ ފޮނުވާލި ބޯޅަ ރެޔޫނިއަންގެ ޑިފެންޑަރ ޔޮހަނާ ގޫޗާދްވަނީ ދިފާއުކޮށްފައެވެ. ދެވަނަ ހާފުގައި ރެޔޫނިއަންގެ ފަހު ދެ ލަނޑު ޖަހައިދިނީ ރެޔޫނިއަންގެ ކެޕްޓަން މިޝޭލްއާއި މެތިއު ސަރްޕެޑޮންއެވެ. މި ހާފުގައި ދިވެހި ޓީމްގެ ނާއިޒް ހަސަން އަދި ސަމްދޫހު މުޙައްމަދަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ.

މެޗަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ސެގާޓް ބުނީ، މެޗުގެ ފުރަތަމަ 30 ވަރަކަށް މިނެޓު ރާއްޖެއިން ކުޅުނީ ވަރަށް ބޮޑަށް ފޯކަސް ކޮށްގެން ކަމަށާއި، ފުރަތަމަ ލަނޑު ވަން ހިސާބުން ފޯކަސް ގެއްލުނު ކަމަށެވެ. އަދި ދެވަނަ ލަނޑުވެސް އެހާ ކައިރީގައި ވަނީ އެ ސަބަބާހުރެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ސެގާޓް ބުނީ، ހަ މަހަށް ފަހު އަނބުރާ ފޯމަށް އަންނަން ޓީމަށް އުނދަގޫވާނެ ކަމަށާއި، މުބާރާތަށް ރާއްޖެއިން އެކަށީގެންވާ ވަރަށް ތައްޔާރުވެވިފައިނުވާ ކަމަށެވެ.

ނަމަވެސް ސެގާޓް ބުނީ، ރީޔޫނިއަންއާ ދެކޮޅަށް ކުޅުނުއިރު އެ ގައުމުގެ ކުޅުންތެރިން ހަށިގަނޑުން ބޮޑުވުމުން ރާއްޖޭގެ ކުޅުންތެރިން ޖެހިލުންވިކަން ފާހަގަކުރެވުނު ކަމަށާއި، ވަރަށް ގިނަ ޕާސްތައް ގެއްލުވާލި ކަމަށެވެ. އަދި އެކަން ބަދަލުކޮށް ރަނގަޅު ފުޓުބޯޅައެއް ކުޅެން ޖެހޭ ކަމަށް ވެސް އޭނާ ބުނިއެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ހޮނިހިރު ދުވަހު ނިކުންނާނީ މެޔޯޓްއާ ދެކޮޅަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!