ކަރަޕްޝަންގެ މައްސަލަތައް ބެލުމަށް ރައީސް ސޯލިހު އުފެއްދެވި އެސެޓް ރިކަވަރީ ކޮމިޝަން

އެސެޓް ރިކަވަރީ ކޮމިޝަނަށް އެއްބާރުލުން ނުދީ ބީއެމްއެލްއިން ހުށަހެޅި މައްސަލައެއްގައި އެ ކޮމިޝަނުން ކޯޓަށް ހާޒިރުވާން އަންގައިފި

ކޮރަޕްޝަންގެ މައްސަލަތައް ބަލަން އުފައްދާފައިވާ ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނަށް އެއްބާރުލުން ނުދީ ކޮމިޝަނާ ދެކޮޅަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގައި އެ ކޮމިޝަނުން ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނާއި ދެކޮޅަށް ބީއެމްއެލުން ދައުވާ ކުރަނީ ކޮން ކަމަކާއި ގުޅިގެން ކަމެއް ސާފެއް ނުވެއެވެ. ބީއެމްއެލް އިން އެސެޓް ރިކަވަރީ ކޮމިޝަނާއި ދެކޮޅަށް ހުށައަޅާފައިވާ މައްސަލައިގެ ޑިސްޕިއުޓް މަރުހަލާ ތާވަލް ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހު 1:00 އަށެވެ.

މިދިޔަ އަންގާރަ ދުވަހު މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ބީއެމްއެލް ހާޒިރު ކުރުމުން އެ ބޭންކުގެ ޑެޕިޔުޓީ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވީ މިމަހުގެ 7 ވަނަ ދުވަހުން ފެށިގެން ތަހުގީގީ އެއްވެސް އިދާރާއަކަށް ކޯޓުއަމުރެއް ނެތި މައުލޫމާތު ދިނުން ހުއްޓާލާފައިވާ ކަމަށާއި އެގޮތަށް ނިންމެވީ ބޭންކުގެ ގާނޫނީ ލަފާ އާއި އެކުގައި ކަމަށެވެ. ނަމަވެސް އޭގެ ކުރިން ތަހުގީގީ އިދާރާތަކަށް ބޭންކުން މައުލޫމާތު ދީފައިވެ އެވެ.

ބީއެމްއެލް ކޮމިޓީއަށް ހާޒިރު ކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ހާއްސަ އޮޑިޓް ރިޕޯޓުތަކާއި ގުޅޭގޮތުން ސުވާލު ކުރުމަށެވެ.

ތަހުގީގީ އިދާރާތަކަށް ބޭނުންވާ މައުލޫމާތު ކޯޓު އަމުރަކާ ނުލައި ވެސް، މި މަހުގެ ހަތް ވަނަ ދުވަހާ ހަމަޔަށް ބީއެމްއެލުން އައީ ދެމުންނެވެ. ނަމަވެސް އޭގެ ފަހުން މައުލޫމާތު ނުދޭން ނިންމީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ތުހުމަތާ ގުޅިގެން އެމަނިކުފާނުގެ ބޭންކް އެކައުންޓްތައް ފްރީޒްކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކޮށް ހައި ކޯޓުން ކުރި ހުކުމުގައި ފާހަގަކޮށްފައިވާ ކަންކަމާ ހަވާލާދީފަ އެވެ. އެ ހުކުމް ކުރީ މިދިޔަ މާޗު 31 ވަނަ ދުވަހު އެވެ.

މީގެ ކުރިން ތަހުގީގުތަކަށް މައުލޫމާތު ދެމުން އައީ، ޖިނާއީ ކުށްތައް ތަހުގީގުކުރުމުގެ ބާރު ލިބިފައިވާ ފަރާތަކުން ނުވަތަ ޕްރޮސިކިއުޓާ ޖެނެރަލްގެ ލިޔުމަކުން އެދިގެން ބޭންކުގެ ކަސްޓަމަރުންގެ އެކައުންޓްތަކާއި ޑިޕޮސިޓްތަކާއި ޓްރަސްޓްތަކާއި ސޭފް ޑިޕޮސިޓް ބޮކްސްތަކުގެ މައުލޫމާތު ދެވޭނެ ކަމަށް ބޭންކިން ގާނޫނުގައި ބުނެފައި ވާތީ އެވެ. ނަމަވެސް ޔާމީންގެ އެކައުންޓްތައް ފްރީޒްކުރި މައްސަލާގައި ކުރި ހުކުމުގައި ފާހަގަކޮށްފައިވާ ބައެއް ކަންކަމާ ހަވާލާދީ ބޭންކުން ބުނަނީ ތަހުގީގީ އިދާރާތަކަށް ވެސް މައުލޫމާތު ދޭން ޖެހޭނީ ކޯޓު އަމުރަކަށް ކަމަށެވެ. ނަމަވެސް މިކަމުގައި، ބޭންކާއި ތަހުގީގީ އިދާރާތަކުގެ މެދުގައި ވަނީ ޚިލާފު އުފެދިފަ އެވެ.

ބޭންކުން މައުލޫމާތު ދޭން ހުއްޓާލުމުން އެންޓިކަރަޕްޝަން ކޮމިޝަންގެ ރައީސް މުއައްވިޒު ރަޝީދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާ ކޮމިޓީގައި އަންގާރަ ދުވަހު ވިދާޅުވީއެގޮތަށް ބޭންކުން ހުއްޓާލުމުން ބަލަމުންދާ ކަރަޕްޝަންގެ މައްސަލަތަކުގައި ކުރިއަށް ދާން ބޮޑެތި ގޮންޖެހުންތަކާއި ދިމާވެފައިވާ ކަމަށެވެ.

ރާއްޖޭގައި މިހާތަނަށް ހިނަގާފައިވާ އެންމެ ބޮޑު ޚިޔާނާތް އެމްއެމްޕީއާރުސީ ތެރެއިން ހިންގާފައިވާއިރު އޭގެ އެއްވެސް ފައިސާއެއް މިހާތަނަށް ހޯދިފައެއް ނުވެއެވެ. އެ ޚިޔާނާތުގައި ބީއެމްއެލް އިން އިހުމާލުވެފައިވާ ކަމަށް ކުރާ ތުހުމަތުތަކަށް އެ ބޭންކުން ވަނީ އިންކާރުކޮށްފައެވެ. އާދަޔާ ޚިލާފު މުއާމަލާތެއް ކުރާ ކަމުގައިވާނަމަ އެކަން އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓަލިޖެންސް ޔުނިޓުގެ (އެފްއައިޔޫގެ) ސަމާލުކަމަށް އަބަދުވެސް ގެންނަ ކަމަށާއި އެސްއޯއެފްގެ މުއާމަލާތް ސަމާލުކަމަށް ގެނެސްފައިވާނީ ހަމައެކަނި އެޔުނިޓަށް ކަމަށް ބޭންކުން ވަނީ އަންގާރަ ދުވަހު އޮތް ކޮމިޓީގައި ބުނެފައެވެ. ހުރިހާ ކަމެއް ވެސް ކޮށްފައި ވާނީ ގާނޫނުތަކާއި ގަވައިދުތަކާއި ބޭންކުގެ އުސޫލުތަކާ އެއްގޮތަށް ކަމަށް ބޭންކުން ބުނެއެވެ.

ބީއެމްއެލް ހާޒިރުކުރި ކޮމިޓީގައި މެމްބަރުން ވިދާޅުވެފައިވަނި އެ ބޭންކުން ދިފާއުގައި ކޮންމެ ވާހަކައެއް ދެއްކި ކަމުގައި ވިއަސް ބޭންކަށް ރެކިގަނެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށާއި ވީކަމެއް ނުވާކަމަކަށް ހަދައިގެން އޮޅުވާލަން ކިތަންމެ މަސައްކަތެއް ކުރިކަމުގައި ވީ ނަމަވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ ދައުލަތުގެ މުއައްސަސާތައް ގުޅިގެން ހިންގާފައިވާ ބޮޑު ވައްކަމެއްކަމަށްށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!