އައްޑޫގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު ހިއްސާކުރަން އެދިއްޖެ

އައްޑޫގައި ބިދޭސީންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް އައްޑޫސިޓީ ކައުންސިލުން ފަށައިފިއެވެ.

އައްޑޫސިޓީ ކައުންސިލުން އާންމުކުރި އިއުލާނުގައި ބުނެފައިވަނީ، ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމަށްޓަކައި “ހަރަހެރި” މިނަމުގައި ވެބް ޕޯޓަލްއެއް ފަރުމާކޮށް، އައްޑޫގެ އަވަށު އޮފީސްތަކުގައި ދަފްތަރު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އައްޑޫގައި މަސައްކަތްކުރާ ބިދޭސީންގެ މަޢުލޫމާތު، ބިދޭސީންނާއި ޙަވާލުވެފައިވާ ފަރާތުން އެބިދޭސީއަކު މަސައްކަތްކުރާ އަވަށެއްގެ އަވަށުއޮފީހަށް ދެއްވައި ރަޖިސްޓްރީ ކުރުމަށް ކައުންސިލުންވަނީ އެދިފައެވެ.

އަދި މި މަސައްކަތްކުރުމުގައި އެއްބާރުލުން ނުދެއްވާ ފަރާތްތަކާއި މެދެ ޤާނޫނު ނަންބަރު 7/2010 ގެ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 143 ވަނަ މާއްދާގެ ދަށުން ފިޔަވަޅުއަޅާނެކަމަށްވެސް ކައުންސިލުން ބުނެފައިވެއެވެ.

ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ރަޖިސްޓްރީއެއް ސަރުކާރުން ބެލެހެއްޓުމަށްޓަކައި މީހުންދިރިއުޅޭ ކޮންމެރަށެއްގައި ބިދޭސީން ރަޖިސްޓްރީކުރާ ދަފްތަރެއް އޮންނަންވާނެކަމުގައި ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ޤަވާޢިދުގެ 24 ވަނަ މާއްދާގައި ބަޔާންކޮށްފައި ވެއެވެ.

ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ޤަވާޢިދަކީ ވަޒީފާއާއިބެހޭ ޤާނޫނުގެ 65 ވަނަ މާއްދާގެދަށުން ހަދާފައިވާ ޤަވާޢިދެކެވެ. މިޤަވާޢިދުވަނީ 2011 ވަނަ އަހަރު މޭމަހުގެ 26 ވަނަ ދުވަހު، ދިވެހި ސަރުކާރުގެ ގެޒްޓްގައިވެސް ޝާއިޢުކުރެވިފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!