ތިންވަނަ ފަހަރަށް ކޯލިޝަން ދޫކޮށް އިދިކޮޅު ފަރާތްތަކާއި ގުޅެން އުޅޭ ކަމުގެ އިޝާރާތެއް ޖޭޕީން ދީފި

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމުހޫރީ ޕާޓީން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ކޯލިޝަން ދޫކޮށް އިދިކޮޅު ފަރާތްތަކާއި ގުޅެން އުޅޭ ކަމަށް އެޕާޓީގެ ލީޑަރ ގާސިމް އިބްރާޙިމްގެ ސްޕެޝަލް އެޑްވައިޒަރ ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވެރިކަމަށް ގެނައުމަށް ގާސިމް އިބްރާހިމާއި ޖުމުހޫރީ ޕާޓީން 2008 ވަނަ އަހަރު ވަރަށް ބުރަކޮށް މަސައްކަތް ކުރުމަށް ފަހު، ވެރިކަން ފެށި ހަމައަކަށް ނޭޅިގެން އުޅެނިކޮށް ނަޝީދާ ދެމެދު މައްސަލަ ޖެހި ގާސިމް އިބްރާހިމް ވަނީ ކޯލިޝަން ދޫކޮށް ވަޑައިގެންފައެވެ. ދުވަސްކޮޅެއް ފަހުން އިދިކޮޅު ފަރާތްތަކާއި ބައިވެރިވެވަޑައިގަތް ތަން ފެނިގެން ދިޔައެވެ.

އޭގެ ފަހުން 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ގެނައުމުގައި އިސް ދައުރެއް އަދާ ކުރެއްވުމަށް ފަހު އެމަނިކުފާނުގެ ވެރިކަމުގައި ޔާމީނާ މައްސަލަ ޖެހި އެކޯލިޝަންވެސް ދޫކުރައްވައި މިހާރު ވެރިކަމުގައި ތިއްބެވި، އޭރުގެ އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގެން އެ ވެރިކަން ނިމުމަކަށް ގެނައުމަށް މަސައްކަތް ކުރެއްވިއެވެ.

އަނެއްކާ މިފަހަރުވެސް ގާސިމް އިބްރާހިމްގެ ޖުމުހޫރީ ޕާޓީ، ސަރުކާރު ކޯލިޝަން ދޫކޮށް އިދިކޮޅު ޕީޕީއެމް/ޕީއެންސީއާ ގުޅެން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެއެވެ. ނަމަވެސް މިފަހަރު މިކަމުގައި އިސްކޮށް ހުންނެވީ ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދެވެ.

ރޭ ވީޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ޖަމީލް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ރަނގަޅު ހަރުދަނާ އިދިކޮޅު ޕާޓީއެއް އޮތުން މުހިންމު ކަމަށާއި އެކަން ކުރުމަށް ބޭނުންވާ ކަމަށް ޖަމީލް ވިދާޅުވިއެވެ. ނަމަވެސް ވަކި މީހަކަށް ޚިދުމަތް ކުރުމުގެ ނިޔަތެއް ނެތް ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި އެއް ހަފްތާ ތެރޭ ފަސް ފަހަރު ހައްޔަރުކުރި ކަމަށާއި، އަދި ނައިބު ރައީސަކަށް ހުންނެވިއިރު އެމްޑީޕީ މެމްބަރުން ގުޅިގެން ގާނޫނު ބަދަލުކޮށް އޭނާ އަޒުލުކުރި ވާހަކަ ވެސް ރޭ ވަނީ ތަކުރާރުކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!