Azima Shukoor Facebook

އެސްއޯއެފްއިން ފައިސާ ޖަމާކުރި އިރު ރައީސް އޮފީހުގެ ލީގަލް ކަންކަމާ ހަވާލުވެ ހުންނެވީ ބިޝާމް: އާޒިމާ

އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރި އިރު ރައީސް އޮފީހުގެ ލީގަލް ކަންކަމާ ހަވާލުވެ، ލީގަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވީ ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް ކަމަށް ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރު ވިދާޅުވެއްޖެއެވެ.

އާޒިމާ މިގޮތަށް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭގޮތުން، މަނީ ލޯންޑާ ކުރުމަށް މަގުފަހި ކުރެއްވި ކަމުގެ ތުހުމަތުގައި،  މިއަދު ކޯޓަށް ހާޒިރުވުމަށްފަހު ނިކުމެވަޑައިގެން މީޑިއާއަށް މައުލޫމާތު ދެއްވަމުންނެވެ.

އާޒިމާގެ މައްޗަށް އުފުލާފައިވަނީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑަރިންއަށް މަގުފަހިކޮށް ދިނުމުގެ ދައުވާ އެވެ. މި ދެ ދައުވާއާ ގުޅިގެން މިއަދު ކުރިމިނަލް ކޯޓުގައި ވަނީ ފުރަތަމަ އިބްތިދާއީ އަޑުއެހުން ބާއްވާފަ އެވެ. އަޑުއެހުމުގައި ދެ ދައުވާގެ ތަފުސީލް ޕީޖީގެ ވަކީލުން ވިދާޅުވެ ދެއްވި އެވެ. 

ޕީޖީގެ ވަކީލު ވިދާޅުވި ގޮތުގައި އާޒިމާ ދޮގު މައުލޫމާތު ފޯރުކޮށްދީފައިވަނީ ލީގަލް އެފެއާޒް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށެވެ. އެއީ އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓަށް އެސްއޯއެފްއިން ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލާގަ އެވެ. އެ ފައިސާގެ މައްސަލަ އޭސީސީއިން ތަހުގީގު ކުރަމުންދާތީ ފައިސާ އެސްކްރޯ އެކައުންޓަކަށް ޖަމާކުރުމުގެ ގާނޫނީ ލަފާ ދެއްވީ އާޒިމާ އެވެ. އަދި އެކަމުގެ އެގްރިމެންޓް ޑްރާފްޓް ކުރެއްވީ ވެސް އާޒިމާ އެވެ. ނަމަވެސް އެ އެގްރިމެންޓާ ހިލާފަށް އެސްއޯއެފްއިން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ އިންވެސްޓް އެކައުންޓަކަށް ޖަމާކުރި ކަމަށެވެ. 

ދިފާއުގައި އާޒިމާ ވިދާޅުވީ އެސްއޯއެފްއިން ރައީސް ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރި އިރު ރައީސް އޮފީހުގެ ލީގަލް ކަންކަމާ ހަވާލުވެ، ލީގަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވީ ބިޝާމް ކަމަށާއި އާޒިމާ ރައީސް އޮފީހުގެ މިނިސްޓަރު ކަމަށް ވަޑައިގެންނެވީ 2016 ވަނަ އަހަރު ކަމަށެވެ. 

“މިކަމުގައި ބިޝާމްގެ މަސްލަހަތު އެބައޮތް، އޭނާއަށް މި ދައުވާއެއް ނުކުރެވޭނެ، ބިޝާމް މަގާމުގެ ހައިސިއްޔަތުން އޭރު ފޮނުވާފައިވާ ސިޓީތައް މި މައްސަލާގައި ލިޔުންތަކުގެ ގޮތުގައި އެބަހުރި، އެކަން އެގޮތަށް ނުކުރެވޭނެ، ބިޝާމަކީ މި މައްސަލާގައި އިހުމާލުވާ މީހެއް ނޫނީ މައްސަލާގައި ހެއްކެއް، އޭނާ ބަރީއަވުމަށް އެހެން މީހުންނަށް ދައުވާ އުފުލުމަކީ ޖިނާއީ އަމަލެއް، ދައުވާ ސައްހައެއް ނުވާނެ،” އާޒިމާ ވިދާޅުވި އެވެ. 

އާޒިމާ ވިދާޅުވީ މި ދައުވާގައި އޮތްގޮތަށް ބަލާއިރު، މުއާމަލާތުގައި މަނީލޯންޑްރިންގެ އަމަލު ހިމެނިފައި ވާނަމަ އެކަން ފުރިހަމަވެފައި ވަނީ ބިޝާމް އެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ހުންނެވިއިރު، ހިނގައިގޮސްފައިވާ ކަންކަމުގެ މައްޗަށެވެ. އެހެންކަމުން އެއީ ބިޝާމްގެ އިހުމާލު ނުވަތަ ބައިވެރިވުން، އޮތް ކަމެއް ކަމުގައިވާތީ މި ދައުވާ ފަރުމާ ކުރައްވާފައި ވަނީ، އެކަންކަން ފާޅު ނުވާނެ ގޮތަށް އަދި ބިޝާމްގެ ދައުރު ނުފެންނާނެ ގޮތަށް އޭގެ ފަހުން ހިނގާފައިވާ ކަންކަންވެސް އެއީ ކުށުގެ ރުކުންތަކެއް ކަމަަށް ހިމަނައިގެން ކަމަށް އާޒިމާ ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!