އަންނަ އަހަރުގެ ބަޖެޓު ތައްޔާރު ކުރާ އިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑުކުރަން ހުށަހަޅަނީ

މި އަހަރަށް ލަފާކޮށް ބަޖެޓު ފާސްކޮށްފައި އޮއްވައި، ބިލް ހުށަހަޅައިގެން އިނާޔަތް ބޮޑު ނުކުރެވޭނެ ކަމަށާއި އަންނަ އަހަރުގެ ބަޖެޓު ތައްޔާރު ކުރާ އިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑުކުރަން ހުށަހަޅާނެ ކަމަށް މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދޭ މާލީ އެހީތެރިކަން އިތުރު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް ބަހުސް ކުރައްވަމުން ނިޔާޒް ވިދާޅުވީ، 2019 ވަނަ އަހަރަށް ކަނޑައެޅި ބަޖެޓުގައި އަމާޒު ހިފާފައިވަނީ ރާއްޖޭގެ ރަށްތަކުގައި ދިރިއުޅެމުން އަންނަ ރައްޔިތުންނަށް ބޭނުންވާ އިގްތިސާދީ އަދި އިޖްތިމާއީ ކަންކަން ފުއްދައި ދިނުމަށް ކަމަށެވެ. އެހެންކަމުން، އެކަންކަމަށް ދަތިވާ ގޮތަށް މަޖިލީހަށް މެމްބަރުން ހުށަހަޅުއްވާ ބިލުތަކަށް ތާއީދު ކުރެވެން ނެތް ކަމަށެވެ.

ޚާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުންނަށް އިނާޔަތް ދިނުމަށް އެމްޑީޕީން ދެކޮޅު ހަދަނީ ނޫންކަން ފާހަގަކުރައްވާ މެމްބަރު ނިޔާޒް އިތުރަށް ވިދާޅުވީ އެޕާޓީއިން ކަންކަން ކުރަން ބޭނުންވަނީ ރަނގަޅު އިންތިޒާމްތަކެއްގެ ތެރެއިން ކަމަށެވެ.

“މިދިޔަ އަހަރުގެ ބަޖެޓަށް ބަލާއިރުވެސް ދުވަސްވީ މީހުންނަށް ދައުލަތުން އެބަވޭ އެއް ބިލިއަން ރުފިޔާ ޚަރަދުކޮށްފައި. މިއަހަރުވެސް ބޮޑު އަދަދެއް ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ވަނީ ބަޖެޓު ކުރެވިފައި” މަޖިލީހުގައި ބަހުސް ކުރައްވަމުން ނިޔާޒް ވިދާޅުވިއެވެ.

ބިލަށް ބަހުސް ކުރެއްވި އެމްޑީޕީގެ ގިނަ މެމްބަރުން ވިދާޅުވީ މި އަހަރަށް ލަފާކޮށް ބަޖެޓު ފާސްކޮށްފައި އޮއްވައި، ބިލް ހުށަހަޅައިގެން އިނާޔަތް ބޮޑު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަމަކު، އަންނަ އަހަރުގެ ބަޖެޓު ތައްޔާރު ކުރާ އިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް ބޮޑުކުރަން މަސައްކަތް ކުރައްވާނެ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

އެމްޑީޕީގެ އެހެން މެމްބަރުންވެސް ވިދާޅުވި ގޮތުގައި، އެފަދަ ބިލުތައް ހުށަހަޅުއްވަނީ ދައުލަތުގެ މާލީ ހާލަތަށް ބެލުމެއް ނެތި، އެ ފައިސާ ހޯދާނެ ގޮތެއްވެސް ބެލުމެއް ނެތި ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!