މަޖިލިހުގެ ދައުރު ކުރިން އޮތް ގޮތަށް ބާއްވަން ކޮމިޓީން ނިންމައިފި

ރައްޔިތުންގެ މަޖިލިހުގެ ދައުރު ކުރިން އޮތް ގޮތަށް ބާއްވަން، ގަވައިދު ދިރާސާކުރާ ކޮމިޓީން ނިންމައިފި އެވެ.

ގަވައިދުގައި މިހާރު އޮތް ގޮތުން ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޭޕްރީލްގެ ނިޔަލަށެވެ. ދެ ވަނަ ދައުރު ހިނގާނީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮގަސްޓް 16 ގެ ނިޔަލަށެވެ. ފަހު ދައުރު ހިނގާނީ އޮގަސްޓު މަހުގެ 27 އިން ފެށިގެން ނޮވެމްބަރުގެ ނިޔަލަށެވެ.

ގާނޫނުއަސާސީގައިވާ ގޮތުން މަޖިލިހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެން ވަނީ ތިން ދައުރުގެ މައްޗަށެވެ. ތިން ދައުރުގައި މަސައްކަތް ކުރާނެ ދުވަސްތައް ކަނޑައެޅުމުގެ ބާރު އޮތީ މެމްބަރުންނަށެވެ.

ގަވައިދުގައި މިހާރު އޮންނަ ގޮތުން އަހަރެއްގެ މައްޗަށް ހަތަރު މަސް ޗުއްޓީގެ ގޮތުގައި މެމްބަރުންނަށް ލިބިވަޑައިގަންނަވަ އެވެ.

ގަވައިދު ދިރާސާކުރާ ކޮމިޓީން ވަނީ ދެ ވަނަ ދައުރާއި ތިން ވަނަ ދައުރު ކުރިން އޮތް ގޮތަށް ބަދަލު ގެނެސްފަ އެވެ. ފުރަތަމަ ދައުރަށް ކޮމިޓީން އެއްވެސް ބަދަލެއް ނުގެނެ އެވެ.

މަޖިލިހުގެ ދައުރު ބެހިގެންދާ ގޮތަށް ބަދަލު ގެނައި ނަމަވެސް، ޖަލްސާތައް ކުރިއަށް ގެންދާ ދުވަސްތަކަށް އެއްވެސް ބަދަލެއް ގެނައުމަށް ގަވައިދު ދިރާސާ ކުރާ ކޮމިޓީން ނިންމާފައެއް ނުވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!