ކުންފުނީގެ މާލީ ހާލަތު ގޯސްވަމުން ދާތީ ޕީއެސްއެމްގެ މުވައްޒަފުން މަދު ކުރަން ލަަފާދީފި

ދައުލަތުގެ މީޑިއާ ކުންފުނި، ޕީއެސްއެމްގެ ގެއްލުން ބޮޑުވެ، ކުންފުނީގެ މާލީ ހާލަތު ގޯސްވަމުން ދާތީ އެ ކުންފުނީގެ މުވައްޒަފުން މަދުކޮށް, ހަރަދުތައް ކުޑަކުރުމަށް ފިނޭންސް މިނިސްޓްރީގެ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ލަފާދީފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މިދިޔަ އަންގާރަ ދުވަހު ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މި އަހަރުގެ ފުރަތަމަ ކްއާޓަރުގެ މާލީ ރިޕޯޓު އާއްމުކޮށްފަ އެވެ. ޕީސީބީން ނެރުނު ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި 11.9 މިލިއަން ރުފިޔާގައި ހުރި ޕީއެސްއެމްގެ އާމްދަނީ ވަނީ 6.17 މިލިއަން ރުފިޔާ އަށް ވެއްޓިފަ އެެވެ. އެއީ 5.74 މިލިއަން ރުފިޔާގެ ދަށް ވުމެކެވެ. އަދި ކުންފުނީގެ ހިދުމަތްތައް ދިނުމުގައި ކުރި ހަރަދު މިދިޔަ އަހަރުގެ ފަހު ކުއާޓަރަށް ވުރެ 18.26 މިލިއަން ރުފިޔާ ވަނީ އިތުރުވެފަ އެވެ. 

އަދި އެކަމުގެ ސަބަބުން ކުންފުނީގެ ގެއްލުން ވަނީ ދެ ގުނަ އިތުރުވެފަ އެވެ. އެއީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ހުރި 21.85 މިލިއަން ރުފިޔާ އިން 45.84 މިލިއަން ރުފިޔާ އަށެވެ.

ރިޕޯޓުގައި އިތުރަށް ހާމަކޮށްފައި ހުރި މައުލޫމާތަށް ބަލާއިރު ޕީއެސްއެމްގެ އިދާރީ ހަރަދުތަކާއި ހިންގުމުގެ އިތުރު ހަރަދުތައް ވަނީ، މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކުޑަކޮށްފަ އެވެ.
އެހެންނަމަވެސް، އިދާރީ ހަރަދުތަކާއި ހިންގުމުގެ އިތުރު ހަރަދުތައް ކުޑަ ކުރި ކަމުގައި ވިޔަސް ޕީއެސްއެމް ހިންގުމުގެ ހަރަދުތައް ކުޑަ ނުވެ ކުންފުންޏަށް ވަނީ ގެއްލުން ވެފަ އެވެ.

މީގެ އިތުރުން، ޕީއެސްއެމްގެ ދަރަނީގެ ގޮތުގައި 89 މިލިއަން ރުފިޔާ ހުރިއިރު، އެ ދަރަނި އަދާކުރުމަށް އުނދަގޫވާ ކަމަށްވެސް ވެސް ރިޕޯޓުގައި ފާހަގަކޮށްފައި ވެ އެވެ. އަދި ކުންފުނީގެ ހިއްސާދާރުންގެ އެހީ އާ ނުލާ އެ ކުންފުނީގެ ދުވަހުން ދުވަހަށް ހިންގުމަށް އުނދަގޫތަކާ ކުރިމަތިވާނެ ކަމަށް ރިޕޯޓުގައި ވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!