މަގާމުގެ ކުރިއެރުން ލިބޭނީ ހަމަ އާއި އުސޫލްގެ ސިޔާސަތުގެ ތެރެއިން: ޑިފެންސް މިނިސްޓަރު

މި ސަރުކާރުގައި މަގާމުތަކުގެ ކުރިއެރުން ލިބޭނީ ހަމަ އާއި އުސޫލްގެ ސިޔާސަތުގެ ތެރެއިން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މާރިޔާ މިހެން ވިދާޅުވީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް 129 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތު، ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މިއަދު ހެނދުނު ކަސްޓަމްސް ބިލްޑިން ކުރިމަތީ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ކަސްޓަމްސްގެ މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދެމުންދިޔައީ ސިޔާސީ ކުލަވަރުގައި ޖެހިގެން ކަމުގެ ޝަކުވާ އެކަމަނާއަށް ލިބެމުންދާ ކަމަށެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ގެ ސަރުކާރުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެކަމަށާއި މަގާމުގެ ކުރިއެރުން ލިބޭނީ ހަމަ އާއި އުސޫލްގެ ސިޔާސަތުގެ ތެރެއިން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކަސްޓަމްސް އަކީ ރާއްޖޭގެ އެންމެ ދުވަސްވީ އެއް މުއައްސަސާކަމުގައިވާ އިރު ކަސްޓަމްސްއިން ކުރާ މަސައްކަތުގެ މުހިންމުކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ކޮންމެ ދުވަހަކު، ޤައުމަށް އެތެރެކުރާ މުދަލާއި ތަކެއްޗާއި، ޤައުމުން ބޭރުކުރާ މުދަލާއި ތަކެތީގެ ހިސާބުކިތާބު ބަލަހައްޓައި، ދަޢުލަތަށް ނަގަންޖެހޭ ޑިއުޓީ ނެގުމަކީ، ބުރަ މަސައްކަތެއްކަން އެކަމަނާ ވިދާޅުވިއެވެ.

އަދި މީގެ އިތުރުން ވެސް މިނިސްޓަރުގެ ވަނީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަމަށްވާ މަސްތުވާތަކެތީގެ ވަބާއަށް ވެސް އަލިއަޅުވާލައިފަ އެވެ. މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރުމުގައި ކަސްޓަމްސްގެ ވަރަށް ބޮޑު ޒިންމާއެއް އޮންނަކަމަށް އެކަމަނާ ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!