ރާއްޖޭގައި ހުމާއި ރޯގާ ފެތުރެމުންދާތީ ރައްކާތެރިވުމަށް ޢިލްތިމާސްކޮށްފި

ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި، އަރިދަފުސް ރޯގާ ،ބޭރަށް ހިންގުން އަދި ވައިރަލް ފީވަރ އިތުރުވަމުންދާކަމަށް ފާހަގަކުރެވޭތީ އެފަތަ ބަލިތަކުން ދުރާލާ ރައްކާތެރިވެ ތިބުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން (އެޗްޕީއޭ) އިން ޢިލްތިމާސްކޮށްފިއެވެ.

މީގެ އިތުރުން މަދު މަދުން ޑެންގީ ޗިކުން ގުންޔާ ފަދަ ބަލިތައް ވެސް ރިޕޯރޓް ކުރެވެމުންދާކަމަށް އެފަރާތުންވަނީ ފާހަގަކޮށްފައެވެ.

މިފަދަ ބަލިތަކަކީ ފަސޭހައިން ފެތުރެމުންދާ ބަލިތަކަށް ވެފައި ދުރާލާ ރައްކާތެރިވެ ތިބުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެޗްޕީއޭއިންވަނީ ޢިލްތިމާސްކުރައްވާފައެވެ.

އަރިދަފުސް ރޯގާއިން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް:

  • އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސާ، ކިބިހި އަޅާއިރު އަގަމަތީގައާއި ނޭފަތުގައި ކުޑަރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް އެޅުން. އަދި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން.
  • ޢާއްމު ސާފުތާހިރުކަމަށް، ޚާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުންފަދަ ކަންކަމަށް ސަމާލުކަންދިނުން.
  • ރޯގާޖެހި ކެއްސާނަމަ ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން، ޚާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުން.
  • ރޯގާޖެހިފައިވާނަމަ ކުޑަކުދިންނާ ދުރުހެލިވެ އުޅުން.
  • ދުންފަތުގެ ދުމުން ކުޑަކުދިން ރައްކާތެރިކުރުމަށް ގޭތެރޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން.

މީގެއިތުރުން އެޗްޕީއޭއިން ވިދާޅުވީ ރޯގާ ޖެހި ހުން އަންނަނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިއންމުކަމަށާއި، ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ރަނގަޅީ ބަލިމީހާ އާ އެކު ވީހާވެސް މަދުމީހުން ހޮސްޕިޓަލަށް ދިއުންކަމަށެވެ.

އަދި ބަލިމީހުންނަށް ޒިޔާރަތް ކުރުމަށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑުމީހުން ނުދިއުމާށާއި، ކޮންމެހެން ހޮސްޕިޓަލަށް ދާންނުޖެހޭ ހާލަތްތަކުގައި މެނުވީ ހޮސްޕިޓަލަށް ނުދިއުމަށް އެފަރާތުން އިލްތިމާސްކުރައްވާފައިވާއިރު، އަރިދަފުސް ރޯގާގެ އަލާމާތެއް ފެނިއްޖެނަމަ ކުދިން ސްކޫލަށް ނުގެންދިޔުމަށްވެސްވަނީ އެދިފައެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް އެޅުން މުހިއްމު ފިޔަވަޅުތައް:

  • ކެއުމުގެ ކުރީން އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން.
  • ފާޚާނާ ކުރުމަށްފަހު އަދި ނެޕީ ބަދަލުކުރުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން.
  • ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުމާއި ރޯ ތަރުކާރިއާއި މޭވާ ރަނގަޅަށް ދޮވެގެން ބޭނުން ކުރުން.
  • ގޭގައި ކާބޯތަކެތި ރައްކާކުރާއިރު ރައްކާކުރާ ތަނަކީ ސާފު ތާހިރު ތަނެއްތޯ ބެއްލުމާއި ކާބޯތަކެތި ތައްޔާރު ކުރާ ތަންތަނާއި ތަކެތި ރަނގަޅަށް ދޮވެ ސާފުކުރުން.
  • ކާބޯތަކެއްޗަށް ދިރޭ ސޫފާސޫތްޕަށް ނޭރެވޭނެހެން މަތިޖަހާފައި ބެހެއްޓުން، އަދި ކެއުމުގައި ވީހާވެސް ތާޒާ ކާނާ ބޭނުންކުރުމާއި ކާބޯތަކެތި ހަލާކުނުވާނޭހެން ރައްކާކުރުން.
  • ކެއްކުމަށާއި ފެން ބުއިމަށް ފުޅީގައި ބަންދުކޮށްފައިވާ ފެން ނުވަތަ ކޮލޮރިނޭޓްކޮށްފައިވާ ފެން ނުވަތަ ވޯޓާރ ސަޕްލައި ފެން ނުވަތަ ފެން ކައްކާއިގެން ބޭނުން ކުރުން.
  • ތަނުގައި އުފެދޭ ކުނި ރައްކާކުރުމުގައި އެކަށީގެންވާ ސައިޒުގެ މަތިޖެހޭ ޑަސްބިނެއް ބޭނުން ކުރުމާއި، ވީހާވެސް އަވަހަށް ކުނި އުކާލުން.
  • ބޭރަށް ހިންގުމުގެ އަލާމަތެއް ފެނިއްޖެނަމަ ކުދިން ސްކޫލަށްނުގެންދިއުން.
  • ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިއްޖެނަމަ ގިނަގިނައިން ލޮނުޕެކެޓު (އޯ.އާރ.އެސް)، ފެން އަދި ސޫޕް، ކުރުނބާ ފެންފަދަ ދިޔާތަކެތި ބޭނުންކުރުމާއި ތުއްތު ކުދިންނަށް ގާތުން ކިރިދިނުން ކުރިއަށް ގެންދިޔުން.

ޑެންގީ އަދި ޗިކުންގުންޔާއިން ރައްކާތެރިވުމަށް ކުރެވިދާނެ މުހިއްމު ކަންތައްތަކުގެ ތެރޭގައި:

  • މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުން ކުރުން.
  • ރެޕެލެންޓް ބޭނުން ކުރުމުގައި ތިރީގައި ދެންނެވިފައިވާ މާއްދާތައް ހިމެނޭ ރެޕެލެންޓް ބޭނުންކުރުން މުހިއްމު.
  • ފަތިސް ގަޑީގައި އަދި ހަވީރު އިރު އޮއްސޭ ވަގުތު ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުން.
  • ހުސް ފުޅި/ދަޅު ފަދަ ފެން ހަރުލާ ތަކެތި ގޯތިތެރެއާއި މަގުމައްޗަށް އުކާނުލުން.

ބަލި ޖެހިއްޖެނަމަ ގޭގައި ދެވިދާނެ ފަރުވާ

• އަރާމު ކުރުން. މީގެ ސަބަބުން ބަލި ފަސޭހަވުން އަވަސްވުމާއެކު ބަލި ފެތުރެމުންވެސް ރައްކާތެރި ކޮއްދެއެވެ.
• ގިނަގިނައިން ދިޔާއެއްޗެހި ބޭނުންކުރުން
– ފައިދާހުރި ދިޔާތަކެތީގެ ތެރޭގައި ކުރުބާފެން، ލޮނުޕެކެޓް، ސޫޕް ފަދަ ތަކެތި ހިމެނޭ
• ހުން މަޑު ކުރުމާއި ގައިގައި ރިއްސުމަށާއި ހުޅުހުޅުގައި ރިއްސުމަށް ޕެރެސެޓެމޯލް ބޭނުން ކުރެވިދާނެއެވެ. ތިން ދުވަހަށް ވުރެ އިތުރަށް ހުން އަންނަ ނަމަ، ނުވަތަ ދިޔާއެއްޗެތި ބޭނުން ނުކުރެވޭނަމަ، ނުވަތަ މާ ބޮޑަށް ވަރު ދެރަވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިއްމު

މިދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ވިއްސާރަދުވަސްވަރެއްކަމުން އެހެން ދުވަސްތަކާއި ޚިލާފަށް ތަފާތު ރޯގާތައް މިދުވަސްވަރު ރާއްޖޭގައިދަނީ ފެތުރެމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!