ފޮޓޯ: ސީއެންއެމް

ބާރަށުގައި ހުންނަ ކަނބާއައިސާގެ މަހާނަ ހިމާޔަތް ކުރަނީ

ހއ. ބާރަށުގައި ހުންނަ ކަނބާއައިސާގެ މަހާނަ ހިމާޔަތް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުން ބުނެފި އެވެ.

 
ކަނބާއައިސާގެ މަހާނަ އެއްވެސް ރައްކާތެރިކަމެއް ނެތި މަގުމަތީގައި ހުރުމުގެ ސަބަބުން އެކި ފަރާތްތަކުން ވަނީ ސޯޝަލް މީިއާގައި ކަންބޮޑުވުން ފާޅުކޮށްފަ އެވެ. 

މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކަނބާއައިސާ މަހާނަ މަގު މަތީގައި ހުރުމުގެ ސަބަބުން މީހުން އޭގެ މަތިން ހިނގާ، އުޅަނދުތައް މަހާނަ މަތިން ދުއްވަމުން ދާކަމަށެވެ. އެހެންކަމުން އެތަނުން މަހާނަ ނަގައި އެހެން ތަނަކަށް ބަދަލުކޮށްދިނުމަށް ވެސް އޭނާ ވަނީ ގޮވާލާފަ އެވެ.

ކަނބާއައިސާ އަކީ އައްސުލްތޯނު އަލީ ހަވަނަ (އަލީ ރަސްގެފާނު) ޝަހީދުވެވަޑައިގެންނެވިއިރު އިންނެވި އަނބިކަނބަލުންނެވެ. ކަނބާއައިސާ މާހަނަ ހަދާފައިވަނީ އެކަމަނާ ޝަހީދުވެގެން ވެއްޓިވަޑައިގެން ތަނުގައެވެ.

މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖްގެ ޑިރެކްޓަ އޮފް ކޮމިނިއުކޭޝަންސް އިސްމާއިލް ނާއިލް ވިދާޅުވީ މަހާނައިގެ މައްސަލަ މިނިސްޓްރީ ގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

ނާއިލް ވިދާޅުވީ މިނިސްޓްރީން ނިންމާފައިވަނީ މަހާނަ ހުރި ތަނުން އެހެން ތަނަކަށް ބަދަލުނުކޮށް، އެތަން ހިމާޔަތް ކުރުމަށް މަސައްކަތް ކުރުމަށެވެ. 

އެގޮތުން މަހާނަ މައްޗަށް ނޭރޭ ގޮތަށް ވަށައިގެން ފާރު ރާނާ، މަހާނަ އާއި ގުޅޭ މައުލޫމާތު ހިމެނޭ ބޯޑެއް ހަރުކުރަން ނިންމާފައިވާ ކަމަށް ނާއިލް ވިދާޅުވި އެވެ.

އަދި އެއްގަމު އުޅަނދުތަކުން މަހާނަ އަށް ގެއްލުން ނުލިބޭނެ ގޮތެއް ހެދުމަށް އެމަގުން އެއް ބައި ނަގަން ނިންމާފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!