ނުކުޅެދުންތެރިންގެ އިނާޔަތް ބޮޑުކުރާ ބިލް މަޖިލީހުން ބޭރުކޮށްފި

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ 2000 ރުފިޔާގެ އިނާޔަތް 5000 އާއި 7000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ބޮޑު ކުރަން މަޖިލީހަށް ހުށަހެޅި އިސްލާހުގެ ބިލް މަޖިލީހުން ބޭރުކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި މި އިސްލާހު ބަލައިގަންނަން ފެނޭތޯ ވޯޓަށް އެއްސެވުމުން، ޖަލްސާގައި ތިއްބެވި 76 މެނެބަރުންގެ ތެެރެއިން ބިލް ބަލައި ގަންނަން ވޯޓު ދެއްވީ އެންމެ 12 މެންބަރުންނެވެ. ބިލް މަޖިލީހުން ބޭރުކޮށްލާފައިވަނީ ބިލް ބަލައިގަންނަން ނުފެންނަ ކަމަށް 57 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

މި ބިލް ގައި އިނާޔަތް ބޮޑު ކުރުގެ އިތުރުން، ނުކުޅުދުންތެރިކަން ހުންނަ ފަރާތްތައް ގިންތި ކުރުމަށްވެސް ވަނީ ހުށަހަޅައިފައެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަމީހުންނާ ބެހޭ ދަފުތަރެއް އެކުލަވައިލަންވެސް ބިލުގައި ހިމަނާފައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ގާނޫނުގައިވާ ގޮތުން ދެނީ 2000ރ.ގެ އިނާޔަތެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!