ފޮޓޯ: މިހާރު

ދީބާޖާ އިން ސަރުކާރާ މަޝްވަރާކުރަން އެދިއްޖެ

ދީބާޖާ އިންވެސްޓްމަންޓްގެ އެއްބަސްވުމެއް ބާތިލްކުރުމުން ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުގެ މައްޗަށް އިއްވާފައިވާ ހުކުމާއި ގުޅިގެން، އެ މައްސަލައިގައި ހައްލެއް ހޯދުމަށް ސަރުކާރާއެކު މަޝްވަރާކުރުމަށް ދީބާޖާ އިން އެދެފި އެވެ.

އުތުރު ޕްރޮވިންސްގައި ފެރީގެ ހިދުމަތް ދޭން ހަވާލުކުރި ދީބާޖާ އިންވެސްޓްމަންޓާ އެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކޮށްފައިވަނީ 2013 ވަނަ އަހަރު އެވެ. އެ މައްސަލާގައި ބަދަލެއްގެ ގޮތުގައި ދައުލަތުން 348 މިލިއަން ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

އޭޖީ އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި މައްސަލާގެ ހައްލު ހޯދުމަށް، ސަރުކާރާ އެކު މަޝްވަރާ ކުރުމަށް އެދި ދީބާޖާ އިން ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތަށް ހުށަހަޅާފައިވާ ކަމަށެވެ، އަދި ދީބާޖާ އިން ވަނީ ސިވިލް ކޯޓަށް އެ ކުންފުނިން ހުށަހަޅާފައިވާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައިގެ އަޑުއެހުންތައް މެދުކަނޑާލުމަށް އެދުމަށް ވެސް ނިންމާފައި ކަމަށް އޭޖީގެ ބަޔާނުގައި ވެއެވެ. އެގޮތަށް ނިންމީ ސެޓްލްމަންޓް ކޮމިޓީ މެދުވެރިކޮށް ހައްލެއް ހޯދުމަށް ފުރުސަތު ދިނުމަށް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އެހެންކަމުން ދީބާޖާ ކުންފުނިން އެދިފައިވާ ގޮތަށް މައްސަލަ ސެޓްލްމަންޓް ކޮމިޓީ އަށް މިހާރު އެޖެންޑާ ކޮށްފައިވާ ކަމަށާއި، ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން މައްސަލަ ކުރިއަށްދާނެ ކަމަށް އޭޖީ އޮފީހުން ބުނެއެވެ.

ސެޓްލްމަންޓް ކޮމިޓީ އަކީ ދައުލަތުގެ ފަރާތުން ބަދަލު ދޭން ޖެހޭ މައްސަލަތަކުގައި ރައީސް އަށް ލަފާ ދިނުމަށް އުފައްދާފައިވާ ކޮމިޓީއެކެވެ. އެ ކޮމިޓީގެ ޗެއާ ބަލަހައްޓަވަނީ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!