މަސްތުވާތަކެއްޗާއެކު ގދ. ތިނަދޫން މީހަކު ހައްޔަރުކޮށްފި

ގދ. ތިނަދޫގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފިއެވެ.

މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 34 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ މިމީހާ ހައްޔަރުކޮށްފައިވަނީ ޖުލައި 15 ވަނަ ދުވަހުގެ 20:30 ހާއިރު ފުލުހުން ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އޭނާ މަސްތުވާތަކެތި ގެންގުޅޭކަމަށް ޝައްކުކުރެވިގެން ހުއްޓުވާ ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ޕެކެޓު ފެނުމާއި ގުޅިގެން ކަމަށެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަޙުޤީޤު ކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!