ފުލުހުންގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމަށް ފަންނީ ލަފާދެއްވުމަށް ތަޖުރިބާކާރަކު ވަޑައިގަންނަވައިފި

އިނގިރޭސިވިލާތުގެ ސަރުކާރުގެ އެހީގެ ދަށުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސައްކަތްތައް ހަރުދަނާކޮށް ތަރައްޤީކުރުމަށް ފަންނީ ލަފާދެއްވުމަށް ޕޮލިސް ސަރވިސް އޮފް ނޯދަރން އައިލެންޑްގެ ކުރީގެ ޗީފް ކޮންސްޓަބަލް، ސަރ ހިއު ސްޓެފަން ރޮޑެން އޯރޑް ރާއްޖެ ވަޑައިގެން މަސައްކަތް ކުރައްވަން ފައްޓަވައިފިއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ދަޢުވަތަކަށް މި ހިނގާ ޖުލައި 13 އިން 19 އަށް ރާއްޖެއަށް ކުރައްވާ ދަތުރު ފުޅުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ ގޮތްތަކާއި އިނގިރޭސިވިލާތުގެ ތަންފީޛީ އިދާރާތަކާއި މިސަރވިސްއާއެކު އިތުރަށް ކުރެވެންހުރި މަސައްކަތްތަކާ ގުޅޭގޮތުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިސްވެރިންނާ ބައްދަލުކޮށް މަޝްވަރާ ކުރަން ހަމަޖެހިފައިވެއެވެ.

މި ޒިޔާރަތުގައި ލިބޭ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ސަރ ހިއު އޯރޑް ރިޕޯޓެއް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. މި ރިޕޯޓްގައި މޯލްޑިވްސް ޕޮލިސް ސަރިވިސް ހަރުދަނާކޮށް ކުރިއެރުވުމަށް ގެންނަން ފެންނަ ބަދަލުތައް ހިމެނޭނެއެވެ.

އެގޮތުން، ޤާނޫނު ތަންފީޒު ކުރުމުގެ ސްޓްރެޓެޖީތައް އެކުލަވާލުމާއި މުޖުތަމައާ ގުޅިގެން ފުލުހުންގެ ޚިދުމަތް ދެވޭނެ މޮޑެލްތަކާއި، ފުލުހުންގެ ޕްރޮފެޝަނަލިޒަމް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީ ކުރުމާއި، އިންޓެލިޖެންސާއި ހެކީގެ މައްޗަށް ބިނާކޮށް ތަހުގީގު ހިންގައި ކާމިޔާބު ކަމާއެކު ދަޢުވާ އުފުލުމާއި، އެހެނިހެން މަދަނީ މުއައްސަސާތަކާއި ސިފައިނާއެކު މަސައްކަތްކުރުމުގެ މައްޗަށް އަލިއަޅުވާލަން ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން، މުއައްސަސާގެ އޮނިގަނޑަށް ގެންނަން ފެންނަ ބަދަލުތަކުގެ މައްޗަށްވެސް އަލިއަޅުވާލައްވާނެއެވެ. މި ދަތުރުފުޅުގައި، ސަރ ހިއު އޯރޑް ދިވެހިރާއްޖޭގެ މުހިއްމު ވުޒާރާތަކުގެ ވެރިންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ސަރ ހިއު އޯރޑޭ އަކީ ކޮން ބޭފުޅެއް؟

ސަރ ހިއު އޯރޑް އަކީ 1977 ވަނަ އަހަރުން ފެށިގެން އިނގިރޭސިވިލާތުގެ އެކި ފުލުހުންގެ ޚިދުމަތްތަކުގައި މުހިއްމު މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާއަކީ ނޯދަރން އަޔަރލެންޑް ގެ ފުލުހުންގެ މުއައްސަސާ ޒަމާނީކޮށް، ޑިމޮކްރެޓިކް އިންސްޓިޓިއުޝަނަކަށް ހެދުމުގައި އިސް ދައުރެއް އަދާކުރެއްވި ތަޖުރިބާކާރެކެވެ.

ފުރުއްވާފައިވާ މަޤާމުތައް

  • ސެޕްޓެމްބަރ 2009 އިން ފެބްރުއަރީ 2015 އަށް އެސޯސިއޭޝަންގެ އޮފް ޗީފް ޕޮލިސް އޮފިސާސް ގެ ރައީސްކަން.
  • ސެޕްޓެމްބަރ 2002 އިން ސެޕްޓެމްބަރ 2009 އަށް ނޮދަރން އަޔަލޭންޑްގެ ޗީފް ކޮންސްޓަބަލްގެ މަޤާމް.
  • ސެޕްޓެމްބަރ 2000 އިން އޮގަސްޓް 2002 އަށް މެޓްރޮޕޮލިޓަން ޕޮލިސް ސަރވިސްގެ ޑެޕިއުޓީ އެސިސްޓެންޓް ކޮމިޝަނަރ ކަން.
  • ފެބްރުއަރީ 2000 އިން އޯގަސްޓް 2000 އަށް މެޓްރޮޕޮލިޓަން ޕޮލިސް ސަރވިސްގެ އެކްޓިންގ ޑެޕިއުޓީ އެސިސްޓެންޓް ކޮމިޝަނަރ ކަން.
  • ޖަނުއަރީ 1999 އިން ޖެނުއަރީ 2000 އަށް ލަންޑަން، މެޓްރޮޕޮލިޓަން ޕޮލިސް ސަރވިސްގެ ސައުތު ވެސްޓް އޭރިއާ އެޗްކިއުގެ ކޮމާންޑަރުކަން.
  • މާޗް 1992 އިން ޑިސެމްބަރ 1998 އަށް ނިއު ސްކޮޓްލެންޑް ޔާޑް، މެޓްރޮޕޮލިޓަން ޕޮލިސް ސަރވިސް، ލަންޑަންގެ ކޮމިއުނިޓީ ސޭފްޓީ އެންޑް ޕާޓްނާޝިޕް ޔުނިޓްގެ ޗީފް ސުޕްރިންޓެންޑެންޓް ގެ މަޤާމް.

ފާހަގަކޮށްލެވޭ މަސައްކަތްތައް

  • އުނދަގޫ އަދި ގޮންޖެހުން ބޮޑު މާހައުލުތަކުގައިވެސް ފުލުހުންގެ ޚިދުމަތް ތަރައްޤީކޮށް ކުރިއެރުވުމަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި ދުނިޔެ ބަލައިގެންފައިވާ ތަޖުރިބާކާރެއް.
  • ކްރައިސިސް މެނޭޖް ކުރުމުގައާއި ޓެރަރިސްޓް ގްރޫޕްތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބި، ޤައުމީ ފެންވަރުގައާއި ބައިނަލްއަޤްވާމީ ފެންވަރުގައި ޞުލްޙަ ޤާއިމްކުރުމުގެ އުނދަގޫ މަސައްކަތްތަކުގައި ވިސްނުންތެރިކަމާއެކު މަސައްކަތްކޮށް ދެމެހެއްޓެނިވި ރަނގަޅު ބަދަލުތައް ގެނައުމުގައި މެދުވެރިއެއް ރޯލް އަދާކޮށްފައިވޭ.
  • ލީޑަރޝިޕް، ޕޮލިސް ރިފޯމް، ސުލްހަ ގާއިމްކުރުމުގެ މަޝްވަރާތައް، ޓެރަރިޒަމް، ޕޮލިސް އެތިކްސް، ސަރުކާރު ހިންގުން، “ޕޮލިޓިކްސް އާއި ޕޮލިސިންގ” ފަދަ މަޢުޟޫތަކަށް އިންސާފުކުރުމުގައި ބައިނަލްއަޤްވާމީ ގޮތުން ބަލައިގަނެ އިހުތިރާމް ލިބިފައިވާ ބޭފުޅެން.
  • ސަރ ހިއު އޯރޑް މަސައްކަތް ކުރައްވާފައިވާ ބައެއް އުނދަގޫ އަދި ގޮންޖެހުން ބޮޑު މާހައުލުތައް އޮތް ޤައުމުތަކުގެ ތެރޭގައި ކެމަރޫން، ފިލިޕީންސް، މެދުއިރުމަތި، ކޮލަމްބިއާ، ބަރމާ އަދި އިރާގު ހިމެނޭ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!