ސީލައިފުން ގެއްލުންވި މީހުނަށް ސަރުކާރުން ފްލެޓު ދެނީ

ސީލައިފް ގްލޯބަލްއިން އަޅާ ފްލެޓް ގަތުމަށް ފައިސާ ދެއްކި ފަރާތްތަކަށް ސަރުކާރުގެ ހައުސިން ސްކީމެއްގެ ތެރެއިން ހައުސިން ޔުނިޓް ހަމަޖައްސައިދޭން އެއްބަސްވެފައިވާނެ ކަމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ސީ ލައިފް ގްލޯބަލްގެ ފަރާތުން ހުޅުމާލޭގައި އިމާރާތް ކުރަން ހަމަޖެއްސި 3000 ހައުސިން ޔުނިޓްތައް ގަތުމަށްޓަކައި 203 މީހުނަށްވުރެ ގިނަ މީހުން ބުކިން ފީއާއި ޑައުންޕޭމަންޓް ފައިސާ ދައްކި ނަމަވެސް މިހާތަނަށް އެ މަޝްރޫއު ކުރިއަށް ގޮސްފައިނުވެ އެވެ. އަދި ފައިސާ ދައްކާފައިވާ ފަރާތްތަކުން އެ ފައިސާ އަނބުރާ ހޯދުމަށް ކުރި މަސައްކަތުން އެ ފައިސާ އަނބުރާ ލިބިފައެއްވެސް ނުވެ އެވެ. އެހެންވެ ސިވިލް ކޯޓުގައި އެ ފަރާތްތަކުން ވަނީ އެޗްޑީސީއިން ވެސް ހިމެނޭ ގޮތަށް ދައުވާ އުފުލާފަ އެވެ.

އެގޮތުން މިމައްސަލަ ހައްލު ކުރުމުގެ ގޮތުން އެ ފަރާތްތަކާއެކު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އަދި ސަރުކާރުން މިއަދު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

އެޗްޑީސީއިން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ އެ އެއްބަސްވުމަކީ، މައްސަލާގައި ސަރުކާރާއި އެޗްޑީސީގެ އިހުމާލެއް ނެތް ކަމުގައި ދެ ފަރާތަށް ގަބޫލު ކުރެވުނު ކަމުގައިވީ ނަމަވެސް، މި ކަމުގެ ސަބަބުން ގިނަ ބަޔަކަށް ލިބިފައިވާ ގެއްލުން ކުޑަ ކުރުމުގެ ގޮތުން އެފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް ވެފައިވާ އެއްބަސްވުމެއް ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ސީލައިފުން އަޅަން ނިންމި ހައުސިން ޔުނިޓުތައް ގަތުމަށް އެ ކުންފުންޏަށް ފައިސާ ދެއްކި ފަރާތްތަކަށް، އެފަރާތްތަކުން ދެއްކި ފައިސާ އާއި އެއްވަރުގެ އަދަދެއް އެޗްޑީސީ އިން ދޭނެއެވެ. އަދި ގެއްލުން ލިބުނު ފަރާތްތަކަށް އެކަމުގެ ބަދަލެއްގެ ގޮތުން ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއްގެ ދަށުން ހައުސިން ޔުނިޓު ދޭންވެސް އެއްބަސްވެފައިވާ ކަމަށް އެޗްޑީސީ އިން ނެރުނު ބަޔާނުގައި ބުންޏެވެ.

އެޗްޑީސީއިން އިތުރަށް ބުނީ އެއްބަސްވުމުގެ ދަށުން އެ ކުންފުންޏަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ލިބޭ ގެއްލުމުގެ ބަދަލު ސީ ލައިފް ގްލޯބަލްގެ ފަރާތުން ހޯދުމަށް މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!