ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ކޮމޮރޮސް ގެ ރައީސް އާ ބައްދަލުކުރައްވައިފި

ޚާރިޖީ ވަޒީރު އަލްފާޟިލް ޢަބްދުﷲ ޝާހިދު، ރައީސުލްޖުމްހޫރިއްޔާގެ ޙާއްސަ މަންދޫބެއްގެ ޙައިސިއްޔަތުން ކޮމޮރޮސްގެ ރައީސް ހިޒް އެކްސެލެންސީ އަޒާލީ އައްސައުމާނީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި، މިނިސްޓަރ ޝާހިދުގެ އަރިހުގައި، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، އަލްފާޟިލް އަޙްމަދު މަޚްލޫފް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި، ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވަނީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ފަރާތްޕުޅުން ކޮމޮރޮސްގެ ރައީސް އަށް ރަސްމީ ސިޓީފުޅެއް އަރުވާފައެވެ. މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ކޮމޮރޮސްއާ ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.


މި ބައްދަލުކުރެއްވުމުގެ އިތުރުން މި ދަތުރުފުޅުގައި، ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު، ކޮމޮރޮސް ގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ކޯޕަރޭޝަން ހިޒް އެކްސެލެންސީ މުޙައްމަދް އެލް-އަލްމިން ސޫއެފް އަދި ކޮމޮރޮސް ގެ މިނިސްޓަރ އޮފް ޔޫތް، އެމްޕްލޯއިމެންޓް، އޮކިޔުޕޭޝަނަލް އިންޓެގްރޭޝަން، ކަލްޗާރ އެންޑް ސްޕޯޓްސް، ހާރ އެކްސެލެންސީ ލަޑެންޓި ހޫމަޑީއާ ވަނީ ބައްދަލުކުރައްވާފައެވެ.

ޚާރިޖީ ވަޒީރު ކޮމޮރޮސްއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައި.އޯ.އައި.ޖީ) 2023 ވަނަ އަހަރު ދިވެހިރާއްޖޭގައި ބޭއްވުމަށް ރާއްޖެއިން ކުރާ ބިޑަށް ތާޢީދު ހޯދުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުން ކުރައްވާ ދަތުރުފުޅެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!