އެސްއޯއެފް އަށް ފައިސާ ޖަމާ ކުރަމުން ގެންދިޔައީ އެމްއެމްއޭގެ ވެރިންގެ ލަފަޔާއެކު: ބީއެމްއެލް

އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ ފައިސާތައް ޖަމާކުރުމަށް ބޭނުންކުރި އެސްއޯއެފް ކުންފުނީގެ އެކައުންޓަށް ފައިސާ ކުރަމުންދިޔަ މުއާމަލާތްތައް ނުހުއްޓުވީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓު (އެފްއައިޔޫ) ގެ އޭރުގެ އިސްވެރިން އެދިގެންކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިިން ބުނެފިއެވެ.

އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓް ރިޕޯޓުތަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ބީއެމްއެލްގެ އިސް ބޭފުޅުން މިއަދު ހާޒިރުކޮށް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން، ބީއެމްއެލްގެ އިންޓަރިމް ރިސްކް އޮފިސަރު ޔާމީން އާދަމް ވިދާޅުވީ އެސްއޯއެފްގެ އެކައުންޓުން ހިންގި މުއާމަލާތްތަކާ ގުޅިގެން އެ އެކައުންޓް ވަގުތީ ގޮތުން ހިފެހެއްޓުމަށްފަހު، އެމްއެމްއޭގެ ފައިނޭންޝަލް އިންޓަލިޖަންސް ޔުނިޓް (އެފްއައިޔޫ) އަށް ނޮވެމްބަރު 2014 ސަސްޕިޝަސް ޓްރާންސްއެކްޝަން ރިޕޯޓް (އެސްޓީއާރް) ފޮނުވި ކަމަށެވެ. އަދި ގާނޫނުން ބޭންކަށް ޝައްކު އުފެދޭ މުއާމަލާތެއް ނަމަ އެފްއައިޔޫ އަށް ރިޕޯޓް ކުރުމަށް ލާޒިމްކުރާ ކަމަށެވެ. އޭގެފަހުން ބޭންކުން އަމަލުކުރީ އެފްއައިޔޫގެ އިރުޝާދާ އެއްގޮތަށް ކަމަށް ޔާމީން ވިދާޅުވި އެވެ.

އެގޮތުން އެސްއޯއެފުގެ އެކައުންޓުތައް ވަގުތީ ގޮތުން ހިފެހެއްޓި ކަމަށާއި، އެކަމަކު އެގޮތަށް އެކައުންޓު ފްރީޒު ކުރުމުގެ ބާރު ބޭންކަށް ލިބިގެން ނުވާ ކަމަށް އެފްއައިޔޫ އާއެކު ފޯނުން ކުރި މަޝްވަރާތަކުގައި އެފްއައިޔޫ އިން އެންގުމުން އެކައުންޓްތައް ދޫކޮށްލީ ކަމަށް ޔާމީން ވިދާޅުވި އެވެ.

ޝައްކު އުފެދުނު މުއާމަލާތަށް ފަހު އެކައުންޓް ދޫކޮށްލަން އެންގީ ކާކުތޯ އައްޑޫ މެމްބަރު އިބްރާހިމް ޝަރީފް ސުވާލު ކުރެއްވުން ޔާމީން ވިދާޅުވީ ފުރަތަމަ ބޭންކުން މުއާމަލާތު ކުރީ ބީއެމްއެލްގެ ޑެޕިއުޓީ ގަވަރުނަރު ނީޒާ އިމާދާ ކަމަށެވެ. އެފްއައިޔޫގެ އިސްވެރިޔާ އާތިފް ޝަކޫރު ޗުއްޓީގައި ހުންނެވުމުން އެ ޔުނިޓް ހިންގެވުމާ އޭރު ހަވާލުވެ ހުންނެވީ ވެސް ނީޒާ ކަން ޔާމީން ފާހަގަކުރެއްވި އެވެ. އަދި ފަހުން، އެ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މުއާމަލާތު ކުރީ އާތިފް ޝަކޫރާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!