ސްޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ބަޔާން ނަގައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތަހުގީގު ކުރަމުންދާ މައްސަލަތަކާއި ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއްގެ ބަޔާން މިއަދު ނަގައިފި އެވެ.

ޖޭއެސްސީން ބުނީ މިއަދު ނަގާފައި ވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ އަދި ފަނޑިޔާރު އަބްދުﷲ އަރީފްގެ ބަޔާން ކަމަށެވެ. 

އެ ބޭފުޅުންނާ ގުޅޭގޮތުން ހުށަހެޅި ދެ ޝަކުވާއެއް ބަލަމުން އަންނަ ކަމަށް ޖޭއެސްސީން ބުނީ މިިދިޔަ ބުދަ ދުވަހެވެ. ނަމަވެސް އެއީ ކޮން ޝަކުވާތަކެއް ކަމެއް ހާމައެއް ނުކުރެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ ތިން ފަނޑިޔާރުންނަކީ މިދިޔަ އަހަރުގެ ފެބްރުއަރީ 1 ގައި ހުރިހާ ސިޔާސީ ފަރާތްތައް ޖަލުން ދޫކުރުމަށް ބޮޑު އަމުރެއް ނެރުމަށް ފަހު، އެ އަމުރު ބާތިލް ކުރުމުގައި ބައިވެރިވި ތިން ފަނޑިޔާރުންނެވެ. އެ އަމުރު ބާތިލް ކުރީ އޭރުގެ ރައީސް އަބްދުﷲ ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމަށް ފަހުގަ އެވެ.

މީގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ދީދީގެ މައްޗަށް ތުހުމަތުކުރެވޭ ސުލޫކީ މައްސަލަ ބެލުމަށްފަހު މަގާމުން ވަކިކުރުމަށް މިދިޔަ ހަފްތާގައި ވަނީ ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމާފައެވެ. އަދި ފަނޑިޔާރު އަރީފަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީ އަށް ކަނޑައަޅާފައިވާ މެންބަރެވެ. އަދި އެ މަނިކުފާނަކީ ޖޭއެސްސީގެ ރައީސެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!