ހަވާލު ނުކުރެވި ގިނަ ދުވަސް ވުމުގެ ސަބަބުން ދިއްދޫގެ ހައުސިންގ ޔުނިޓުތައް ބާވެ ބޮޑެތި މަރާމާތުތަކެއް ކުރަން ޖެހިއްޖެ

ދިއްދޫގައި އަޅާފައިހުރި ހައުސިންގ ޔުނިޓުތައް ހަވާލު ނުކުރެވިހުއްޓާ ދުވަސްވެ ފުރާޅާއި ސީލިންގ ބަދަލުކުރަން ޖެހިއްޖެއެވެ.

ހައުސިންގ މިނިސްޓްރީން ވިދާޅުވީ ފްލެޓްތަކުގެ ފުރާޅުތަކުގެ ޓިނު ފޫގޮސް، ބައެއް ފްލެޓްތަކުގެ ސީލިންތަކަށްވެސް ގެއްލުން ލިބިފައިވާކަމަށެވެ. ދިއްދޫގައި ކުރީ ސަރުކާރުން އަޅާފައިވާ 250 ހައުސިންގ ޔުނިޓްގެ ފުރާޅާއި ސީލިންގ ބަދަލުކުރުމުގެ މަސައްކަތް ކުރުމަށް ބަޔަކު ހޯދުމަށް ހައުސިންގ މިނިސްޓްރީއިންވަނީ އިޢުލާންކޮށްފައެވެ.

މިނިސްޓްރީއިން ވިދާޅުވީ ދިއްދޫ ހައުސިންގ ޔުނިޓްތައް ހަވާލުކުރުމުގެ ކުރިން ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށެވެ. އެގޮތުން ގެތަކުގެ ސިވިލް މަސައްކަތްތައް ނިމިފައިވީ ނަމަވެސް، ފެނާއި ނަރުދަމާއާއި، ކަރަންޓު ދިނުމުގެ މަސައްކަތްތައްވެސް އެއްކޮށް ނިންމާފައި ނުވާކަމަށެވެ. މި މަސައްކަތްތައް ފަށައި، ގެތަކަށް ބޭނުންވާ މަރާމާތުތައް އޮގްސްޓް މަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.

މީގެތެރެއިން ބައެއް ހައުސިންގ ޔުނިޓްތަކަށް ކުރިން ހަވާލުކުރި ބުރުގައި، ފްލެޓް ލިބުނު ފަރާތްތަކުން ވަނީ ބަދަލުވެފައެވެ. ނަމަވެސް ގިނަ މީހުން ބަދަލުވެފައިވަނީ އަމިއްލަ އަތުން ޚަރަދުކޮށްގެން ފްލެޓްތަކުގައި ނުނިމިހުރި މަސައްކަތްތައް ކޮށްގެންނެވެ. ފްލެޓްތަކުގެ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް ރައްޔިތުންގެ އަތުން ޚަރަދުވި ފައިސާ ހޯދައިދިނުމަށް ދިއްދޫ ކައުންސިލުންދަނީ މަސައްކަތް ކުރަމުންނެވެ.

ދިއްދޫގައި ހައުސިންގ ޔުނިޓްތައް އަޅާފައިވަނީ އެރަށުގެ ހިއްކި ބިން ސަރަޙައްދުގައެވެ.

ދިއްދުއިން ދޫނުކޮށް ހުރި ހައުސިންގް ޔުނިޓްތަކަށް ފެނަކަ މެދުވެރިކޮށް މީހުން ނަގައި، މިދިޔަ ސަރުކާރުގައިވަނީ ފްލެޓް ލިބުނު މީހުންގެ ލިސްޓް އިޢުލާންކޮށްފައެވެ. ނަމަވެސް މި ލިސްޓަކީ އެންމެ ސައްޙަ ލިސްޓެއްކަމަށް ނުބެލެވޭތީ، އަލުން މިކަން ބަލައި ލިސްޓް ރިވިއުކޮށް ފައިނަލް ކުރުމަށް މިހާރުވަނީ މިނިސްޓްރީއިން ދިއްދޫ ކައުންސިލާއި ހަވާލުކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!