މި ހަފްތާ ތެރޭގައި ކުޅުދުއްފުށީ ހޮސްޕިޓަލަށް ކަށީގެ ޑޮކްޓަރެއް ގެންނަނީ

ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ހުރި ހަމައެކަނި ކަށީގެ ޑޮކްޓަރު ޗުއްޓީ އަށް ދިޔުމުން ހިދުމަތްތައް މެދުކެނޑި، އާއްމުން ޝަކުވާ ކުރަން ފެށުމުން، މި ފަހްތާގެ ތެރޭގައި ކަށީގެ ޑޮކްޓަރެއް ގެންނަން ނިންމައިފި އެވެ.


ކުޅުދުއްފުށި ހޮސްޕިޓަލުގެ ކަށީގެ ޑޮކްޓަރު ޗުއްޓީއަށް ދިޔައީ މިދިޔަ މަހުގެ 29 ގައެވެ. އެ ޑޮކްޓަރު އަލުން ވަޒީފާ އަށް ނިކުންނާނީ އަންނަ މަހުގެ 12 ގައެވެ. އޭނާ ޗުއްޓީ އަށް ދިޔުމުން ކަށީގެ ހުރިހާ ހިދުމަތެއް ވަނީ މެދުކެނޑިފަ އެވެ. 

އެގޮތުން ގިނަ ބަޔަކު މާލެ އަންނަން މަޖުބޫރުވެފައި ވާއިރު، އިނގިއްޔެއް ބިންދައިގެން ދިޔަ ކުއްޖަކަށް ވެސް ފަރުވާ ނުދެވިގެން ވަނީ މާލެ ފޮނުވާލާފައި ވެއެވެ.

އެ ހޮސްޕިޓަލު ހިންގެވުމާ ހަވާލުވެ ހުންނެވި ހަދީޖާ އަލީ މިއަދު ވިދާޅުވީ މި ހަފްތާގެ ތެރޭގައި ކަށީގެ ޑޮކްޓަރަކު ގެނައުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް ދެ ދުވަސް ތެރޭގައި އެރަށަށް ކަށީގެ އެހެން ޑޮކްޓަރަކު އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!