އައިލެންޑާސް އިން ގްރޭޑް 1 އަށް ހުޅުވާލި ޖާގަތައް 7 މިނެޓުން ފުލް ވެއްޖެ

އައިލެންޑާސް އެޑިއުކޭޝަނުގެ ސްކޫލުތަކުގައި އަންނަ އަހަރު ގްރޭޑް އެކެއްގައި ކިޔަވަން ފުރުސަތު ހުޅުވާލިތާ ހަތް މިނެޓްގެ ތެރޭގައި ޖާގަތައް ހުސްވެއްޖެ އެވެ.

އައިލެންޑާސްގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އަދްލީ ރަޝީދު މިއަދު ވިދާޅުވީ އެތަނުން ހިންގާ 2 ސްކޫލުގައި އަންނަ އަހަރު ކިޔަވަން ހުޅުވާލި 122 ޖާގަ ހަތް މިނެޓްގެ ތެރޭގައި ފުރުނު ކަމަށެވެ. އެ ތަނުގެ ވެބްސައިޓް މެދުވެރިކޮށް ރޭ ހުޅުވާލީ ފިންލެންޑް އިންޓަނޭޝަނަލް ސްކޫލުން 50 ޖާގަ އާއި ބިލަބޮންގް ހައި ސްކޫލުން 72 ޖާގަ އެވެ.

“ކޮންމެ ހަތަރު ސިކުންތަކުން އަޅުގަނޑުމެންނަށް އެޕްލިކޭޝަނެއް ލިބެމުން އައި،” އަދްލީ ވިދާޅުވި އެވެ.

އަދްލީ ވިދާޅުވީ އިއްޔެ ނިމުނީ ޕްރީ-ރެޖިސްޓްރޭޝަންގެ މަސައްކަތް ކަމަށެވެ. އަދި އެ ޖާގަތައް ޔަގީންކޮށް، ދަރިވަރުން ސްކްރީން ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ޖާގަތައް ހުޅުވާލީ އައިލެންޑާސް އިން ހިންގާ ކެންގަރޫ ކިޑްސް އާއި އަމީރު އަހުމަދުގެ ޔޫކޭޖީގައި މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަށް އެކަންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!