ބޮޑު ހިޔާނާތުގެ މައްސަލައާ ގުޅިގެން އޭސީސީ ކޮމިޓީ އަށް ހާޒިރުކުރަން ނިންމައިފި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ބޮޑު ހިޔާނާތާއި ރައީސް ޔާމީންގެ މަނީ ލޯންޑަރިން މައްސަލައާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) މިއަދު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރު ރޮޒައިނާ އާދަމް ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ބާއްވާ ކޮމިޓީގެ ބައްދަލުވުމަށް އޭސީސީގެ މެމްބަރުން ހާޒިރުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި އޭސީސީ ހާޒިރު ކުރަނީ އެމްއެމްޕީއާރްސީ ގެ ހިޔާނާތާއި ކުރީގެ ރައީސް ޔާމީން ގެ މަނީ ލޯންޑަރިން މައްސަލާގައި އެ ކޮމިޝަނުން އަމަލުކޮށްފައިވާ ގޮތާ މެދު ސުވާލުކޮށް، މައުލޫމާތު ހޯދުމަށް ކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފަ އެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން ބޭއްވުމަށް ތާވަލް ކުރެވިފައި ވަނީ މިއަދު މެންދުރު ފަހު 02:30 ގައި ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ގޮތުން އޭސީސީން އާއްމު ކުރި ތަފްސީލީ ރިޕޯޓުގައި ބުނެފައިވާ ގޮތުން 57 ރަށެއްގެ މައްސަލަ އެ ކޮމިޝަނުން ވަނީ ބަލައިފަ އެވެ. އެގޮތުން، އެ ރަށްރަށާއި ފަޅުތަކުގެ އެކުއިޒިޝަން ކޮސްޓްގެ ގޮތުގައި 77.5 މިލިއަން ޑޮލަރު ލިބެން ޖެހޭ އިރު އެމްއެމްޕީއާރުސީ އަށް ވަދެފައި ވަނީ އެންމެ 12.5 މިލިއަން ޑޮލަރެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތުގެ މައްސަލަތައް، ރިޔާސީ ކޮމިޝަނާއި އޭސީސީ އާއި ފުލުހުން ގުޅިގެން ތަހުގީގު ކުރަން ޓީމެއް ހަދަން ވަނީ ނިންމައިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!