އައިއޯއައިޖީ: ގައުމީ ފުޓްބޯޅަ ޓީމު މޮރިޝަސް އަށް ފުރައިފި

އިންޑިއަން އައިލެންޑް އޯޝަން ގޭމްސް (އައިއޯއައިޖީ) ގައި ބައިވެރިވާ ގައުމީ ފުޓްބޯޅަ ޓީމް މުބާރާތް ބާއްވާ މޮރިޝަސް އަށް ފުރައިފިއެވެ. ފުޓްބޯޅަ އިވެންޓުގައި ބައިވެރިވާ ޓީމުގައި 20 ކުޅުންތެރިން ވަނީ ހިމަނައިފަ އެވެ.

މިފަހަރުގެ މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕުގައި ލައްވާލީ ރިޔޫނިއަން، މެޔޯޓް އަދި ކޮމޮރޯސް އެވެ. އަނެއް ގްރޫޕުގައި ހިމެނެނީ މޮރިޝަސް، ސީޝެލްސް އަދި މަޑަގަސްކާ އެވެ. 2015 ވަނަ އަހަރު އަމިއްލަ ގައުމުގައި އޮތް އައިއޯޖީގެ ފުޓްބޯޅަ އިވެންޓުގެ ޗެމްޕިއަންކަން ރިޔޫނިއަން ހޯދިއިރު ރަނަރަޕް ޓީމަކީ މެޔޯޓް އެވެ.

ފުޓްބޯޅަ އިވެންޓުގެ ފުރަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ރާއްޖެ ނުކުންނާނީ ޗެމްޕިއަން ރިޔޫނިއަންއާ ދެކޮޅަށެވެ. މި މެޗު ކުޅޭނީ އެދުވަހު މެންދުރު ރާއްޖެ ގަޑިން 1 ޖަހާއިރު އެވެ. ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗާއި ތިން ވަނަ މެޗު އޮންނާނީ ރާއްޖެ ގަޑިން ހަވީރު 4:15 ގައެވެ. ދެ ވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ކޮމޮރޯސްއާ ވާދަކުރާއިރު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިމަހުގެ 22 ވާ ހޯމަ ދުވަހު ރާއްޖެ ނުކުންނާނީ މެޔޯޓްއާ ދެކޮޅަށެވެ.

ފުރުމުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ގައުމީ ކޯޗު ޕީޓަ ސެގާޓް ބުނީ މުބާރާތުގައި ރަނގަޅު ނަތީޖާއެއް ނެރެން ޓީމުން ވަރަށް މަސައްކަތް ކުރާނެ ކަމަށެވެ. ސެގާޓް ބުނީ މިފަހަރުގެ މުބާރާތަށް ދާއިރު ހަމައެކަނި މައްސަލައަކީ ތައްޔާރުވާން ރަނގަޅު މުއްދަތެއް ނުލިބުން ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!