ލުތުފަރު މަރާލުމާ ގުޅިގެން 3 މީހެއްގެ މައްޗަށް ދައުވާކޮށްފި

ށ. ޅައިމަގު “ކުރިމަގު” ބޯޓުގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ލުތުފަރުގެ މަރުގެ މައްސަލައިގައި ތިން ބިދޭސިއެއްގެ މައްޗަށް ދައުވާކޮށް، ޝަރީއަތް ފަށައިފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު ގެއްލުނު މީހާގެ މަރާ ގުޅިގެން، އެނގިހުރެ މީހަކު މެރުމުގެ ދައުވާ ކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ މަހުގެ 30 ވަނަ ދުވަހެވެ. އެ މައްސަަލައިގެ އަޑުއެހުންތައް ވެސް ވަނީ ފަށައިފަ އެވެ.


ލުތުފަރުގެ މަރުގެ މައްސަލައިގެ ތަހްގީގީ މައުލޫމާތު ހިއްސާ ކުރުމަށް މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފުލުހުން ބުނެފައިވަނީ ލުތުފަރު އޭނާ އާއެކު އެ ބޯޓުގައި މަސައްކަތް ކުރާ އެހެން ފަޅުވެރިންނާއެކު ޖިންސީ ގުޅުން ހިންގަން މަސައްކަތް ކޮށްފައި ވާކަމަށެވެ. އަދި ލުތުފަރު މަރާލީ އެކަމުގައި ނުރުހުމުގައި ކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. 

ލުތުފަރުގެ ހަށިގަނޑުގެ ބައިތައް ފެނިފައި ވަނީ އޭނާ ހޯދުމަށް ފުލުހުންގެ ޑައިވަރުން މަސައްކަތް ކުރުމުގެ ތެރޭގައި ކަނޑު އަޑިން އެވެ. އޭނާގެ ހަށިގަނޑުން ހަމައެކަނި ފެނުނީ، ހަށިގަނޑުގެ އެކި ބައިތަކުގެ ކަށިތަކެވެ.

އެ މަރާ ގުޅިގެން މީގެ ކުރިން ހަތަރު މީހަކު ހައްޔަރުކުރި އެވެ. އެއީ އޭނައާ އެކު އެ ބޯޓުގައި މަސައްކަތްކުރި މީހުންނެވެ. އެކަމަކު އޭގެ ތެރެއިން މިހާރު ބަންދުގައި ތިބީ ތުހުމަތުކުރެވޭ ތިން މީހުންނެވެ. ޝަރީއަތް ނިމެންދެން އެ ތިން މީހުން ވެސް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެމީހުންނަކީ، އަލަމިން، ނޫރުލް އިސްލާމް ސަރުކާރާއި އެމް.ޑީ އަހުތަރު ހުސެއިންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!