އުމުރުން ދުވަސްވީ މީހުންނަށް މިހާރު ދެމުން އަންނަ 5000 ރުފިޔާގެ އިނާޔަތް، 10000 އަށް ބޮޑު ކުރަން ހުށަހަޅައިފި

އުމުރުން ދުވަސްވީ މީހުންނަށް މިހާރު ދެމުން އަންނަ، 5،000 ރުފިޔާގެ އިނާޔަތް، 10،000 ރުފިޔާ އަށް ބޮޑު ކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ޕެންޝަނަށްބެހޭ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ. ޖާބިރު ހުށަހެޅުއްވި އިސްލާހަށް މިއަދު ވަނީ އިބްތިދާޢީ ބަހުސް ފަށާފައެވެ.

އޭނާ ވިދާޅުވީ އަސާސީ ޕެންޝަންގެ ގޮތުގައި ލިބޭ އަދަދު ބޮޑުކުރަން ހުށަހެޅީ ދިރިއުޅުމުގެ ޚަރަދުތައް މިހާރު އިންތިހާއަށް ބޮޑުވެފައި ވާތީ އެވެ.

“މިއިސްލާހް މިހުށަހެޅީ އުމުރުން ދުވަސްވީ މީހުންނަށް ގަދަރުވެރިކަމާއި ފުދުންތެރިކަމާއި އުފާވެރިކަމާއި އެކު ދިރިއުޅެވޭނެ މަގު ތަނަވަސް ކޮށްދިނުމަށްޓަކައި” ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އުމުރުން ދުވަސްވީ މީހުން ގައުމަށް ކޮށްދީފައިވާ ޚިދުމަތައް ބަލާފައި އަޅުގަނޑުމެން އުމުރުން ދުވަސްވީ މީހުންނަށް ކަންތައްތަކެއް ކޮށްދޭން އެބަޖެހޭ ކަމަށެވެ.

“ފަސް ހާސް ރުފިޔާ އިން ކޮން ކަމެއްތޯ ކުރެވޭނީ؟ އުމުރުން ދުވަސްވީ މީހުން ބަލަހައްޓަން ވެސް އެބަޖެހޭ މީހަކު ހުންނަން. އެންމެ 5000 ރުފިޔާ ލިބިގެން އެއްވެސް ކަމެއް ނުވާނެ މިހާރު.” ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް 10000 ރުފިޔާ ދިނުމުގެ ގާބިލްކަން ސަރުކާރުގައި ހުންނާނެ ކަމަށެވެ.

“އަބަދުވެސް ޚަރަދު ކުޑަކުރަން، ކުރަންޖެހޭ ކަންކަން ކުރަން ޖެހޭނެ. އިތުރަށް ޚަރަދު ކުރަން ޖެހޭ ކަންކަމަށް އިތުރަށް ޚަރަދު ކުރަން ޖެހޭނެ. ގައުމަށްޓަކައި ބޮޑެތި ޚިދުމަތްތަކެއް ކޮށްފައިވާ ފަރާތްތަކަށް މިފަދަ އިނާޔާތްތައް ލިބެން ޖެހޭނެ.” ޖާބިރު ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!