ސީލައިފުގެ ދަރަނި އެޗްޑީސީން ދައްކަނީ

ސީލައިފް ގްލޯބަލްއިން ފުލެޓް ގަންނަން ފައިސާ ދައްކާފައިވާ ފަރާތްތަކަށް އެޗްޑީސީގެ ފަރާތުން ރިފަންޑް ދިނުމަށް އެއްބަސްވެއްޖެއެވެ.

ހުޅުމާލޭގައި 3000 ފްލެޓު އެޅުމުގެ މަޝްރޫއު 2014 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން އެމިނިކުފާނާ ގާތް ގުޅުމެއް އޮންނަ އަހުމަދު މޫސާ (އައްމަޓީ) މެނޭޖިން ޑިރެކްޓަރެއްގެ މަގާމުގައި ހުންނަވާ ސީލައިފު ކުންފުންޏަށް ދިނީ ބިޑު ކުރުމެއް ނެތި އެވެ. 

ސީލައިފުން އެޕާޓްމަންޓް އަޅަން އިއުލާން ކުރި މަޝްރޫއާ އެކު އެޕާޓްމަންޓްތައް ގަތުމަށް 280 މީހަކު، ކޮންމެ މީހަކު ބުކިން ފީގެ ގޮތުގައި 50،000 ރުފިޔާގެ ރޭޓުން 14 މިލިއަން ރުފިޔާ އަށް ވުރެ ގިނައިން ސީލައިފަށް ވަނީ ފައިސާ ދައްކައިފަ އެވެ. އެހެން ނަމަވެސް އެކި މައްސަލަތަކާ ހުރެ ޕްރޮޖެކްޓް ހުއްޓި މަސައްކަތް ވެސް ކުރިއަށް ނުގޮސް، ފައިސާ ދެއްކި މީހުންނަށް އަނބުރާ ފައިސާ ނުލިބުނު މައްސަލަ ވަނީ ބޮޑުވެފަ އެވެ.

ސިވިލް ކޯޓުގެ ޑިސްޕިއުޓް ރެޒޮލިއުޝަން ޑިވިޝަނުން ރޭ ކުރި ހުކުމުގައިވާ ގޮތުން ސެޓްލްމަންޓް އެގްރީމެންޓެއް ހެދީ ސީ ލައިފް މައްސަލައިގައި ދައުވާ ކުރާ މީހުންނާއި ސަރުކާރާއި އެޗްޑީސީއާ އެކު ކުރި މަޝްވަރާތަކަށް ފަހު އެވެ. ގެއްލުމުގެ ބަދަލު ހޯދަން ސީ ލައިފްގެ މައްޗަށް ދައުވާ ކުރަނީ 203 މީހެކެވެ.

އެނގިފައިވާ ގޮތުގައި ސީ ލައިފްގެ މައްޗަށް ދައުވާކުރާ މީހުންނަށް ބަދަލުދޭން އެއްބަސްވީ، ދައުލަތުން ސީ ލައިފަށް ދައްކަން ޖެހޭ 12 މިލިއަން ޑޮލަރުންނެވެ. އެ ފައިސާ އަކީ އެމްޑީޕީގެ ވެރިކަމުގައި 80 ހައުސިން ޔުނިޓް އެޅުމަށް އެ ކުންފުންޏާ ހަވާލުކުރުމަށް ފަހު، އެ އެއްބަސްވުން 2011 ގައި އުވައިލުމުން ސީ ލައިފުން ދައުލަތާ ދެކޮޅަށް ކުރި ދައުވާއަކާ ގުޅިގެން ހެދި ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ދޭންޖެހޭ ފައިސާ އެވެ.

ސީ ލައިފަށް 12 މިލިއަން ޑޮލަރު ދިނުމަށް އެއްބަސްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ. މި ފައިސާ އިން ރީފަންޑު ދިނުމުގެ އިތުރުން ފްލެޓް ބޭނުންވާ މީހުންނަށް ދެ އަހަރުގެ ތެރޭގައި ފްލެޓް ހަމަޖައްސައިދޭން ވެސް ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!