ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ދެ މީހެއްގެ ހެކިބަސް ނަގައިފި

ތޫނު އެއްޗަކުން ހަމަލާދީ އަނިޔާވެރި ގޮތަކަށް މަރާލި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ދެ ފުލުހެއްގެ ހެކިބަސް ނަގައިފި އެވެ.

މިއަދު ހެކިބަސް ނަގާފައި ވަނީ ސީން އަށް ދިޔަ ދެ ފުލުހެއްގެ އެވެ. އެ ދެފުލުހުން ވެސް ދައުލަތުން ހުށަހަޅާފައި ވަނީ ސީންއަށް އެންމެ ފުރަތަމަ ހާޒިރުވި މީހުންގެ ހައިސިއްޔަތުންނާއި، ސީން އޮތް ގޮތް ކިޔައި ދިނުމަށެވެ. އެ ދެ ހެކިވެރިންނަކީ ޔާމީން ހޮސްޕިޓަލަށް ގެންދިޔަ ފުލުހުންގެ ކާރު ދުއްވަން އިން މީހާ އާއި، އޭގައި އިން އޮފިސަރެކެވެ. 

ރަހުމް ކުޑަ ގޮތަކަށް ޔާމީން ރަޝީދު މާރާލީ 2017 ވަނަ އަހަރު އެޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ދަންވަރު އެވެ. ގައިގެ އެތައް ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި އޮތް ޔާމީން ރަޝީދު މަރުވީ ހޮސްޕިޓަލަށް ގެންދިޔަ ފަހުންނެވެ.

އެރޭ، ފުލުހުންގެ ވެހިކަލްގައި ޑިއުޓީގައި އުޅުނު އަހްމަދު ނައުޝާދު އާއި ވެހިކަލް ދުއްވަން އިން މުހައްމަދު އިގްބާލް ބުނީ ޔާމީން ރަޝީދަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ ގެ (މ. ސްޕެޓިއުލާ) އަށް ދިޔައީ ކޮމާންޑް ސެންޓަރުން ދަންވަރު 2:55 ހާއިރު މައުލޫމާތު ލިބުމުން ކަމަށެވެ.

އެތަނުގައި އަލިކަމެއް ނެތުމުން ފޯނުގެ ޓޯޗު ދިއްލައިގެން އަލި ކުރި އިރު، ވަރަށް ބައިވަރު ލެޔާއެކު ލިފްޓް ކައިރީ ވެއްޓިފައި އޮތް މީހަކު ފެނުނު ކަމަށާއި، ތޫނު އެއްޗަކުން ހަމަލާދީފައިވާ ޒަހަމްތަކެއް ޔާމީންގެ ކަރާ ދިމާލުން ފެންނަން ހުރި ކަމަށެވެ.

ދެވަނަ ހެކިވެރިޔާ އަދި ކާރު ދުއްވަން އިން މުހައްމަދު އިގްބާލް ބުނީ، އެ މީހުންނަށް ކޮމާންޑްސެންޓަރުން މައުލުމާތު ލިބުމާ އެއްކޮށް، މިނެޓެއްހާއިރު ތެރޭ އެތަނަށް އެޓެންޑްވި ކަމަށެވެ. އަދި އެތަނަށް ދިޔަ އިރު އިތުރު ދެ މީހަކު އުޅުނު ކަމަށާއި، އެގޭތެރެ ބަލާ ފާސްކުރިކަން އެނގިފައިނުވި ނަމަވެސް އެ ސަރަހައްދު ފުލުހުން ބަލާފައިވާ ކަމަށެވެ. 

ޔާމީން ރަޝީދަށް ހަމަލާދީފައި ވަނިކޮށް، މ. ސްޕެޓިއުލާ ގެ އަށް ފުރަތަމަ ދިޔަ ދެ ފުލުހުންގެ ހެކިބަސް ނެގުމަށް ދައުލަތުން ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް އެ ދެ މީހުން ރާއްޖެތެރޭ ރަށެއްގައު ހުރުމުން އަދި ހާޒިރު ކުރެވިފަ އެއް ނުވެއެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!