18 މީހުންނާއެކު ދަތުރުކުރި ލޯންޗް ފެރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

18 މީހުންނާއެކު ދަތުރުކުރި ލޯންޗް ފެރީއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ށ. އަތޮޅަށް ދަތުރުކުރި “ނިޒާމް” ނަމަކަށް ކިޔާ މިލޯންޗް ފެރީގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ޅ. މާފިލާފުށި ކައިރިންނެވެ.

އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބިފައިވަނީ މިއަދު ހަވީރު 4:24 ހާއިރު ކަމަށާއި އެ ފެރީގައި އަލިފާން ރޯވެފައިވަނީ ޅ. މާފިލާފުށި ކައިރިން ކަމަށެވެ.

އެ ހާދިސާގައި އަލިފާން ރޯވެފައި ވަނީ ފެރީގެ އިންޖީންރޫމްގައި ހުރި ބެޓެރީއެއްގައެވެ. އެ ލޯންޗުގައި ރޯވި އަލިފާން ލޯންޗުގެ ފަޅުވެރިން ކުރި މަސައްކަތުން ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދު ހަވީރު 5:18 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރ ކްރާފްޓްގައި، އެ ލޯންޗް ފެރީގައި ތިބި މީހުން ނައިފަރަށް ގެންގޮސްދީފައިވާ ކަމަށާއި ފެރީ ލޯންޗް ވެސް ނައިފަރަށް ކައިރިކޮށްފައިވާ ކަމަށެވެ. އަދި އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!