ސްޓިކާ ޖަހަން ފެށީ ޕާކް ކުރާނެ އިތުރު ތަންތަން ހެދުމަށް ފަހު: މިނިސްޓަރ ނަހުލާ

ޤަވާއިދާ ޚިލާފަށް ޕާކުކުރާ ސައިކަލުގައި ސްޓިކާ ޖަހަން ފެށީ ޕާކު ކުރާނެ ތަންތަން ދައްކާފައިކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ ޕާކު ކުރާނެ ތަނެއް ނުދައްކާ ސްޓިކާ ނުޖެހުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެއް ކަމަށެވެ. ސަރުކާރު ބަދަލުވީއިރު މަސައްކަތް ކުރިއަށް ގެންދެވީ އެގޮތަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ މިވީ ދުވަސްތަކުގައި ޕާކު ކުރާނެ ތަންތަން އިތުރުކޮށްފައިވާކަމަށެވެ. އަދި އިތުރު ތަންތަން ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ނޫސްވެރިންނަށް މުލޫމާތުދެއްވަމުން މިނިސްޓަރ ވިދާޅުވީ ސްޓިކަރ ޖަހަނީ މަގު ބޭނުންކުރާ މީހުންނަށް ދަތިވާގޮތަށް ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ކަމަށެވެ. އެގޮތުން މިހާރު ސްޓިކަރ ޖަހަނީ ކަފިހި ހުރަސްފަދަ ތަންތަނުގައާއި، މީހުންނަށް ހިންގަން ދަތިވާގޮތަށް ބަހައްޓާފައި ހުންނަ އުޅަނދުތަކުގައި އެކަނި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއާއި ހިލާފަށް މިހާރު ވެހިކަލުގައި ސްޓިކާ ޖަހަނީ ވެހިކަލް އޮތް ސަރަހައްދު ފޮޓޯ ނެގުމަށް ފަހުގައި ކަމަށެވެ.

ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދު ފަހަރަކުތައް ފުރަތަމަ ފަހަރު ޖޫރިމަނާ ކުރަނީ 250 ރުފިޔާއިންނެވެ. ދެވަނަ ފަހަރު އެ އަދަދު 500 ރުފިޔާއަށް އިތުރުވެއެވެ. އަދި އޭގެ ފަހުން ސްޓިކާ ޖަހާ ކޮންމެ ފަހަރަކަށް 750 ރުފިޔާ ނަގައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!