މުދާ އުފުލާ ގަޑިތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި

މާލެއާއި ހުޅުމާލޭގައި މުދާ އުފުލޭ ގަޑިތަކަށް ބަދަލުގެނެސް، މުދާ އުފުލޭ ވަގުތުތައް އިތުރުކޮށްފިއެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން 350 ކިލޯގެ ޕިކަޕްތަކަށް 24 ގަޑިއިރު މުދާ އުފުލޭނެކަމަށެވެ. އަދި ހެނދުނު 9:00 އިން ފެށިގެން ހެނދުނު 11:30 އަށް ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުތަކަށް މުދާ އުފުލޭނެކަމަށާއި ނަމަވެސް ސްކޫލް ފެށޭ ގަޑިއާއި ނިމޭ ގަޑީގައި އެ ސަރަޙައްދުތަކުގައި މުދާ އުފުލާ އެއްވެސް އުޅަނދެއް ދަތުރުކުރުން މަނާވާނެކަމަށެވެ. 

މީގެ އިތުރުން ހެނދުނު 11:30 އިން މެންދުރު 1:30 އަށް 350 ކިލޯ އިން ފެށިގެން ދަށުގެ އުޅަނދު ފިޔަވައި، އެހެން އުޅަނދުތަކުގައި މުދާ އުފުލުން މަނާވާނެ ކަމަށް ވެސް ޓްރާންސްޕޯޓުން ބުންޏެވެ. މިއަދު ނިންމި ނިންމުމާއެކު މެންދުރު 1:30 އިން އަނެއް ދުވަހުގެ ހެނދުނު ހަޔަކަށް ހުރިހާ ކެޓަގަރީއެއްގެ އުޅަނދުތަކުގައި މުދާ އުފުލޭނެ ކަމަށާއި ކަސްޓަމްސް އިން ނެރޭ މުދާ އުފުލަންވާނީ ބޮޑުތަކުރުފާނު މަގުން ކަމަށް ޓްރާންސްޕޯޓުގެ ނިންމުމުގައި ވެއެވެ.

ބުރިޖު މަތިން ދެ ޓަނުން ދަށުގެ މުދާ 24 ގަޑިއިރު އުފުލޭނެ ކަމަށާއި 2.1 ޓަނުން މަތީގެ އުޅަނދު ބުރިޖުމަތިން ދުއްވުން ހުއްދަވާނީ ހަވީރު 6:00 އިން ހެނދުނު 6:00 އަށް ކަމަށްވެސް ޓްރާންސްޕޯޓުން ބުންޏެވެ.

ފެނާއި ގޭސް އުފުލާ ގަޑިތަކަށް ބަލާއިރު، 350 ކިލޯ އިން ދަށުގެ ޕިކަޕުތަކަށް ސްކޫލު ސަރަހައްދުތައް ފިޔަވާ އެހެން ސަރަހައްދުތަކުގައި 24 ގަޑިއިރު ފެނާއި ގޭސް އުފުލޭނެ އެވެ. ހަވީރު 6:00 އިން ހެނދުނު 6:00 އަށް ހުރިހާ ކެޓަގަރީއެއްގެ އުޅަނދުތަކުގައި ފެނާއި ގޭސް އުފުލޭނެ ކަމަށްވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

ކޮންސްޓްރަކްޝަން މުދާ ކޮންމެ ދުވަހަކުވެސް ހަވީރު 6:00 އިން ހެނދުނު 6:00 އިން އުފުލޭނެ އެވެ. މުދާ އުފުލާ ގަޑިތަކަށް ބަދަލު ގެންނަނީ ޓްރެފިކަށް ފަސޭހަ ކުރުމަށް ކަމަށް ޓްރާންސްޕޯޓުން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!