ގަވަރނަރ ނަސީރާއި އަޝްރަފު މަޖިލީހަށް ހާޒިރު ކުރަނީ

އެމްއެމްޕީއާރުސީގެ މަނީ ލޯންޑަރިން ހުއްޓުވަން އެމްއެމްއޭގެ ގަވަރނަރ އަހްމަދު ނަސީރު ނުފޫޒު ފޯރުއްވިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ގަވަރނަރ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރުކުރުމަށް އެ ކޮމެޓީން ނިންމައިފިއެވެ.

އެފްއައިޔޫގެ މައްސަލައާ ގުޅޭ ގޮތުން 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް ނަސީރާއި އަޝްރަފް މާލިއްޔަތު ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރި އެވެ. ނަމަވެސް އޭރު އެ މައްސަލައާ ގުޅޭ ގޮތުން ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ. އެކަން އަނެއްކާ ވެސް މާލިއްޔަތު ކޮމިޓީގެ ސަމާލު ކަމަށް އައީ ނަސީރާ ގުޅޭ ގޮތުން އަޝްރަފް ބޮޑެތި ތުހުމަތުތަކެއް ކުރައްވާ ސިޓީއެއް އޭނާ އެ ކޮމިޓީއަށް ހުށަހެޅުމުންނެވެ.


މި ތުހުމަތުތަކުގެ ތެރޭގައި އެ މައްސަލަ ފުުލުހުންނަށް ރިޕޯޓްކުރުމުން ވަޒީފާއިން އިސްތިއުފާ ދިނުމަށް ނަސީރު ޕްރެޝަރުކުރިކަމަށް ބުނެފައިވެއެވެ. އަދި އިންތިޚާބު ބޯމަތިވެފައިވަނިކޮށް ރާއިސް ޔާމީނާއި ގުޅުން ހުރި މައްސަލައެއް ރިޕޯޓްކުރުމަކީ ހާލަތާއި ނުބައްދަލުކަމެއްކަމަށް ބުނެ އެކަމަށް އެ ރިޕޯޓް ހުށައެޅިޔަ ނުދޭން ނުފޫޒު ފޯރުވިކަމަށްވެސް އަޝްރަފުގެ ސިޓީގައިވެއެވެ. 

މިއަދު ބެއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ އަޝްރަފްގެ ސިޓީގައި ކޮށްފައިވާ ތުހުމަަތުތަކުގެ ރައްދު ނަސީރު ވެސް މާލިއްޔަތު ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން ދެ ބޭފުޅުން ދައްކާފައި ހުރި ވާހަކަތައް ވަކިވަކިން ނަގައިގެން ދިރާސާ ކުރަން ފެންނަ ކަމަށާއި އެއަށް ފަހު ދެ ބޭފުޅުން ވެސް ކޮމިޓީއަށް ހާޒިރުކޮށް އިތުރަށް ބަލަން ޖެހޭ ކަމަށް އިލްޔާސް ވިދާޅުވި އެވެ.

އަޝްރަފް އާއި ނަސީރު ކޮމިޓީއަށް ހާޒިރު ކުރުމާ ދެކޮޅަށް އެއްވެސް މެންބަރަކު ހިޔާލު ފާޅެއް ނުކުރައްވަ އެވެ. ނަމަވެސް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ 18 ވަނަ މަޖިލީހުގައި ވެސް އެކަމާ ގުޅޭ ގޮތުން ގިނަ މަސައްކަތްކޮށްފައިވާ ކަމަށާއި އެކަންކަން މި މަޖިލީހުން ވެސް ބަލަން ޖެހޭ ކަމަށެވެ. އެހެންވެ އޭރު އެ މައްސަލަ ކުރިޔަށް ދިޔަ ގޮތުގެ ޔައުމިއްޔާ މެންބަރުން ބަލާލަން މުހިންމު ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

މެންބަރުންގެ ހިޔާލު އެއްގޮތްވުމާއެކު ކޮމިޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ނިންމެވީ އަންނަ ހަފްތާގެ ތެރޭގައި ނަސީރާއި އަޝްރަފް މަޖިލީހަށް ހާޒިރު ކުރުމަށެވެ.

މި ސިޓީއާއި ގުޅިގެން ގަވަރނަރ އަހްމަދު ނަސީރުވެސް ވަނީ މާލިއްޔަތު ކޮމެޓީއަށް ސިޓީއެއް ފޮނުވާފައެވެ. މި ސިޓީގައި ގަވަރނަރ ނަސީރުގެ މައްޗަށް އަޝްރަފު ކުރައްވާފައިވާ ތުހުމަތުތައް ނަސީރު ދޮގޮކުރައްވާފައިވާކަމަށް މާލިއްޔަތު ކޮމެޓީން ބުނެފައެވެ. ނަސީރުގެ ސިޓީގައި އަޝްރަފުގެ މައްޗަށްވެސް ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރައްވާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!