ހައްޖުގެ މަތިވެރި އަޅުކަމުގައި ހައްޖާޖީންނާއި ހައްޖަށް ފޮނުވާ ގުރޫޕްތަކުގެ ބޮޑު ކޮރަޕްޝަން

ބާލިޣުވެ، ބުއްދިފުރިހަމަވެ، ކުޅަދާނަކަން ލިބިފައިވާ ކޮންމެ މުސްލިމެއްގެ މައްޗަށް އުމުރުން އެއްފަހަރު އަދާކުރުން ވާޖިބު ވެގެންވާ އިސްލާމްދީނުގެ ފަސްވަނަ ރުކުން އަދާކުރުމަށްޓަކައި ކޮންމެ އަހަރަކު އެތައް ބައެއް އަވަދިނެތިވެ އުޅެއެވެ. ނަމަވެސް ހިތާމަވެރި ކަމަކީ މިއަޅުކަން އަދާ ކުރުމަށްޓަކައި ހައްޖަށް މީހުން ގެންދާ ކުންފުނި ތަކުން އިހްލާސްތެރި ބައެއް ކަނޑައެޅުމަށް ދަތިވުމެވެ.

ކޮންމެ އަހަރެއްގެވެސް ހައްޖު މޫސުމާ ދިމާކޮށް އަޑުއިވިގެން ދާ ވާހަކައަކީ ހައްޖަށް މީހުން ގެންދާ ކުންފުނި ތަކުގައި ކޮރަޕްޝަނާއި މަކަރާއި ހީލަތް ހަދާ ވާހަކަތަކެވެ. ވޭތުވެ ދިޔަ ފަސް އަހަރުވެސް ކޮންމެ އަހަރަކުމެ ސަރުކާރަށް ލިބެމުންދިޔަ 1000 ހައްޖު ކޯޓާއިން ގިނަ ޖާގަތައް ވަނީ ކުރީގެ ސަރުކާރުގެ މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން ސިޔާސީ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުންނަށް ބަހާފައެވެ. އަދި އޭގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ ބައެއް މުވައްޒަފުންނަށް ވެސް ވަނީ ޖާގަ ދީފައެވެ. ހައްޖު ކޯޕަރޭޝަނުން މިދިޔަ އަހަރު ހައްޖަށް ގެންގޮސްފައި ވަނީ ލިބުނު 2000 ކޯޓާގެ ތެރެއިން ގާތްގަނޑަކަށް 960 މީހުންނަށެވެ. އެހެން ޖާގަތައް ވަނީ މިދެންނެވި ގޮތަށް ކޮރަޕްޝަންގެ މަގުން ބަހާފައެވެ. 

ރާއްޖެ އިން ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލްގައި، ރާއްޖެ އަށް ލިބޭ ކޯޓާގެ އަދަދު ބަހާނެ ގޮތް އޮތީ އިސްލާމިކް މިނިސްޓަރުގެ އަތް މައްޗަށް ދޫކޮށްލައިފަ އެވެ. އެކަމަކު 2017 ގައި އަމަލުކުރަން ފެށި އުސޫލްގައި އޮންނަނީ، ހައްޖު ކޯޓާގެ ތެރެއިން ކޯޕަރޭޝަނަށް ދޭނެ މިންވަރު ކަނޑައަޅާނީ މިނިސްޓަރު ކަމަށެވެ. މިގޮތަށް އުސޫލެއް ނެތި މިނިސްޓްރީން ބޭނުންވާ ފަރާތްތަކަކަށް ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު ދެވުމަކީ ކޮރަޕްޝަނަށް މަގުފަހިވެ އިންސާފުވެރިކަން ގާއިމްކުރުމަށް ހުރަސްއެޅުމުގެ ފުރުސަތު އޮންނަ ކަމެއްކަމަށް ގިނަ ބަޔަކު ދެކެއެވެ. ހައްޖު ކޯޓާ ދިނުމުގައިވެސް ކޮރަޕްޝަން ހިމެނޭ ކަމަށް ކުރެވޭ ތުހުމަތުތައް އެހާމެ ގިނައެވެ.

މިފަހަރު ޙައްޖު ކޯޕަރޭޝަންގެ އިތުރުން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދީފައި ވަނީ ފަސް ގްރޫޕަކަށެވެ. އެއީ އެކްރޯ ހައްޖު ގްރޫޕު، މިނާ ހައްޖު ގްރޫޕު، އަލްހަރަމައިން ހައްޖު ގްރޫޕު، ޒައި ހައްޖު ގްރޫޕު، އަދި ތަޒްކިޔާ ހައްޖު ގްރޫޕަށެވެ.

ހައްޖަށް ގެންދާ ޖަމާއަތްތަކުން އިތުރަށް ފައިސާ ނަގާ މައްސަލަ ކޮންމެ އަހަރަކު ފެންމަތިވެއެވެ. އެގޮތުން މިއަހަރު ހައްޖަށް ގެންދިއުމަށް އަލްހަރަމައިން ހައްޖު ގްރޫޕަށް ހުއްދަ ދީފައިވާ ވަރަށް ވުރެ އިތުރަށް ފައިސާ ނަގާ މައްސަލަ ބަލައިދިނުމަށް އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ. އެ ގުރޫޕަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވަނީ ކޮންމެ ހައްޖާޖީއެއްގެ އަތުން 69،965ރ. ނެގުމަށެވެ. ނަމަވެސް އެ ޖަމާއަތުން އެއްލައްކަ ރުފިޔާ ނަގާ ކަމަށް ފައިސާ ދެއްކި ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މިއީ އެންމެ ގުރޫޕަކުން ނުވަތަ 2 ގުރޫޕަކުން ކުރާކަމެއް ކަމެއް ކަމަށްވެސް ނުބެލެވެއެވެ. ފާއިތުވި އަހަރުތަކުގައި ހައްޖާޖީން އަތުން 2 ފަހަރު 3 ފަހަރު މަތިން ތަކުރާރުކޮށް ބޮޑެތި އަދަދުތަކުން ފައިސާ ނަގާފައިވާ ކަމީ ހަގީގަތެކެވެ. ބައެއް ފަރާތްތަކުން ފައިސާ ނަގާފައިވަނީ ހައްޖަށް ދިޔުމުގެ ފުރުސަތު ގެއްލިދާނެ ކަމަށް ބުނެ ބިރު ދައްކައިގެންނެވެ. ނަމަވެސް މިއިން އެއްވެސް މައްސަލައެއް ބެލިފައި ނުވާކަމަކީ އެންމެ ހިތާމަ ހުރި އެއް މައްސަލައެވެ.

ރިޝްވަތު ދިނުމާއި، ރިޝްވަތު ހިފުމާއި، ކަންކަމުގައި ނާޖާއިޒު ފައިދާ ހޯދުމާއި، ޚިޔާނާތްތެރިވުމާއި، މަކަރާއި ޙީލަތްހެދުމަކީ އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ފާފަތަކެވެ.

ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް މާތްالله މަތިވެރި ކުރައްވާފައިވާ ބިމަށް ދިޔުމަށް، ރިޝްވަތު ދީގެން ފުރުސަތު ހޯދުމަކީ އެއްވެސް ހައްޖާޖީއަކު ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. އެއީ ކަނޑައެޅިގެން ތިމާގެ އަމިއްލަ ބޮލުގައި އެޅޭ ބޮޑު ފާފައެކެވެ. އަދި އެފަދަ ބޮޑު ރިޝްވަތެއް ދީގެން ކުރާ ހައްޖަކީ الله ގެ ހަޒްރަތުގައި ގަބޫލު ކުރައްވާނޭ އަޅުކަމެއް ތޯއޭ އަމިއްލަ ނަފްސާއި ސުވާލު ކޮށްލުންވެސް ރަނގަޅެވެ.

1000 ނުވަތަ 2000 މީހުންގެ ޖާގައިން ހައްޖަކަށް އެންމެންނަކަށް ފުރުސަތެއް ނުލިބިދާނެއެވެ. ފުރުސަތު ލިބެނީ ކުރިޔާލާ އުޅޭ ފަރާތްތަކަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ހައްޖަށް ދާން ފުރުސަތު ލިބުން ދަތިވުމުން ދައްކަން އޮންނަންޖެހޭ މިންވަރަށް ވުރެ އިތުރަށް ފައިސާ ދައްކައި ނުވަތަ ރިޝްވަތު ދީގެން، އެފުރުސަތު ދީފައިވާ އެހެން ފަރާތެއްގެ ފުރުސަތު ގެއްލުވާލައިގެން، ހައްޖަށް ދިޔުމަކީވެސް މިރާއްޖޭގައި ކުރާ އެހާ ނުބައި ކަމެކެވެ. މި ފަދައިން ހައްޖަށް ދާ މީހުން الله އާއި މެދު ބިރުވެތިވެ، އަނެކާގެ ހައްގަކަށް އަރައިގަތުމާއި، ރިޝްވަތުގެ ފާފައިން ސަލާމަތްވާން ޖެހެއެވެ. އަދި ކޮންމެ އަޅުކަމެއްގެވެސް ހެޔޮ ޖަޒާ ދެއްވަނީ الله ކަން ހަނދުމަކޮށް އެފަދަ ގޮތްގޮތުން ނާޖާއިޒް ކޮށް ހައްޖުގެ އަޅުކަން އަދާ ކުރަން ދާދިޔުމާއި މެދު ފުންކޮށް ވިސްނަން ޖެހެއެވެ.

ދެން އޮތީ ސިޔާސީ މީހުން މެދުވެރިކޮށް ހައްޖަށް ދިޔުމަށް ފުރުސަތު ހޯދުމެވެ. އެވެސް ނާޖާއިޒު ގޮތުގައި ހިންގޭ އަމަލެއް ކަމުން އެކަމުންވެސް ހައްޖާޖީއަށް އިތުރު ފާފަތަކެއް ލިބިދާނެތީ الله އަށް ބިރުވެތިވާން ޖެހެއެވެ. ރައީސް ޔާމީނުގެ ދައުރުގައި ހައްޖު ކޯޓާވެސް ލިބެނީ ވަކި ޕާޓީއެއްގެ ވަކި ޕާލިމެންޓް މެމްބަރެއް ނުވަތަ ސިޔާސީ އެނޫން ފަރާތެއް މެދުވެރިވެގެން ނާޖާއިޒު ގޮތުގައެވެ. ތިމާގެ ސަޕޯޓު ޕާޓީއަށް ވިއްކައިގެން ނުހައްގުން ހައްޖަށް ދާން ފުރުސަތު ހޯދުމަކީ ދީނީ ކަމެއް ނޫނެވެ.

ސައުދީ ސަރުކާރުން ރާއްޖެ އަށް ކަނޑައަޅާފައިވާ ރަސްމީ ކޯޓާ އަކީ 1،000 އެވެ. އެކަމަކު ކޮންމެ އަހަރަކު ވެސް އިތުރު 1،000 ކޯޓާއާ އެކު ޖުމްލަ 2،000 މީހުންނަށް ހައްޖުގެ އަޅުކަން ކުރުމުގެ ފުރުސަތު އެ ގައުމުން ރާއްޖެއަށް ދޭތާ ހަތަރު އަހަރު ވެއްޖެ އެވެ. ނަމަވެސް މި މަތިވެރި އަޅުކަން އަދާކުރުމަށް ގިނަ ބަޔަކު ކެތް މަދުވެފައި ވާއިރު މި މާތް އަޅުކަން އަދާކުރުމަށްދާ މީހުންނާއި ހަވާލުވާން ތިބި ފަރާތްތަކުން މަކަރާއި ހީލަތް ހަދަންވެއްޖެނަމަ ވާނީ ކިހިނަކުންތޯއެވެ. އަދި މިފަދަ މައްސަލަތައް ނުބެލި، އަދި މިފަދަ ކަންކަނަށް ނުހިނގާނޭ ހަރުދަނާ ނިޒާމެއް ތަރައްގީ ވެފައިވާ މިއޮތް ޒަމާނު ނުހޯދި އޮތް ކަމީ މި ކޮރޮޕްޝަނުގެ މޫ ފެތުރިފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.

ހިތާމައަކީ، މިއުޅެނީ الله ޙަސްރަތަށް އެންމެ މަތިވެރި އަޅުކަން އަދާ ކުރުމަށް ދާ ބައެއްގެ އަތުން ނުހައްގުން ފައިސާތަކެއް އަތުލާ ރިޝްވަތުގެ ފައިސާ ނަގާ އަނިޔާވެރި ބަޔަކާއި އެ މަތިވެރި އަޅުކަން އަދާކުރުމަށްޓަކައި އެ ރިޝްވަތުގެ ފައިސާ ދޭ އަނިޔާވެރި ބައެއްކަމެވެ.

  1. މިކަން ހުރިހާ ގުރޫޕްތަކުންވެސް ހިންގާ… އަދި ކޯޓާ ވެސް ވިއްކާ. ދެޖަމާއަތް އެކުވެގެން ވެސް ކުރޭ…މިކަންކަން ބޮޑުވީ އަމިއްލަ މީހުން ކުރަމުން އައި ކަމެއްގެ ތެރެއަށް ސަރުކާރުގެ ކުންފުންޏެއް ވަންހިސާބުން ކަން ބުނަން ޖެހެއެވެ. އެކުންފުންޏަށްކޮންމެއަހަރަކުސަބްސިޑީދީގެންކުރުމަކީ ކުރެވޭނެކަމެއްބާ؟؟؟

    0
    0

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!