ސީޕްލޭން ޖައްސާ ސަރަހައްދު ބޮޑު ކުރަން ކޮންނަނީ

އަލަށް ހަދާ ސީޕްލޭން ޓާމިނަލް ނިމެންވާއިރަށް، ސީޕްލޭން ޖައްސާ ސަރަހައްދު ބޮޑު ކުރަން ކޮންނަން ފަށައިފި އެވެ.


ސީޕްލޭން ސަރަހައްދު ބޮޑު ކުރުމުގެ ގޮތުން ކޮންނަމުން ދާތީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަނީ ހުޅުމާލެއިން ހުޅުލެއަށް ވަދެ ނުކުމެ ހަދާ ކޯޒްވޭ މާދަމާ އިން ފެށިގެން ވަގުތީ ގޮތުން ބަންދު ކުރަން ނިންމާފަ އެވެ. 

އެމްއޭސީއެލްއިން ބުނީ މި ސަރަހައްދު ބަންދު ކުރުމަށްފަހު ހައިވޭގެ އިރުމަތީ ފަރާތަށް ވަގުތީ ގޮތުން ވަދެވޭނެ ގޮތް ހަމަޖައްސައިފައި ވާނެ ކަމަށެވެ. މިއީ އެމްއޭސީއެލް އާއި އެއާޕޯޓުގައި މަސައްކަތް ކުރާ ފަރާތްތައް ވަދެ ނުކުތުމަށް ބޭނުން ކުރާ މަގެކެވެ.

ސީޕްލޭން ޖައްސާ ސަރަހައްދު ބޮޑު ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އަލަށް ހަދާ ސީޕްލޭން ޓާމިނަލްގެ ސްޓްރަކްޗާގެ މަސައްކަތް ނިންމައި ސީޕްލޭން ޕާކް ކުރާ ޑޮކިން ޕްލެޓްފޯމުތައް ހަރުކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.

ސްޓްރަކްޗާގެ ލިފްޓުތައް ހަރުކުރުން ވަނީ މިހާރު ނިންމާލާފަ އެވެ. މިހާރު ކުރަމުން ދަނީ ސްޓްރަކްޗާގެ ބޭރު ހެދުމުގެ މަސައްކަތާއި ކަރަންޓާއި އޭސީ އަދި ފެން ހޮޅި އެޅުމުގެ މަަސައްކަތްތަކެވެ.

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން ބޭސް އޮންނަ ރާއްޖޭގެ މި ހިދުމަތަށް ބޮޑު ބަދަލެއް އަންނާނެ އުންމީދީ މި ޕްރޮޖެކްޓް ފަށާފައިވަނީ ޖެނުއަރީ 29، 2018 ގަ އެވެ.

ސީޕްލޭން ޓާމިނަލްގެ މަސައްކަތަށް 40 މިލިއަން ޑޮލަރު (ގާތްގަނޑަލަށް 616 މިލިއަން ރުފިޔާ) ހޭދަވެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!