ފޮޓޯ: މިހާރު

އާމްދަނީ ނުހޯދާ ބަޔަކު ތިބުމުން އިގްތިސޯދަށް ލޮޅުން އަރާ: ރައީސް

ޒުވާނުން މަސައްކަތަށް ނުނުކުމެ މައިންބަފައިންގެ މޯހިރަށް ދިރިއުޅުން ދޫކޮށްލާތީ ގައުމުގެ އިގްތިސޯދަށް ލޮޅުން އަރާ ކަމަށާއި ތަރައްގީ އާއި އާބާދީ އެއްހަމަ ކުރަން ޒުވާނުން ވަޒީފާތަކަށް ނުކުންނަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ އާބާދީ ދުވަސް ފާހަގަ ކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ މަސައްކަތް ކުރާ އުމުރުގެ އާބާދީ ބޮޑުވުމަކީ ތަރައްގީ އަށް އޮތް ފަހި ފުރުސަތެއް ކަމަށެވެ. އެހެން ނަމަވެސް މަސަައްކަތެއް ނުކޮށް މައިންބަފައިންގެ އެހީގައި ދިރިއުޅޭ ޒުވާނުންގެ ނިސްބަތް މަތިވަމުން ދިއުމަކީ ހިތާމައެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.


ރޭގެ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ އާބާދީގެ 37 ޕަސަންޓަކީ ޒުވާނުން ކަމަށްވާއިރު މަސައްކަތް ކުރާ އުމުރުގެ މީހުންނަކީ އާބާދީގެ 67 ޕަސަންޓު ކަމަށާއި އާބާދީ އިތުރުވާ މިންވަރަށް ބަލާއިރު 2054 އާ ހަމަޔަށް ދާއިރު މަސައްކަތް އާބާދީގެ ޕަސަންޓޭޖް އޮންނާނީ ހަމަ އެ ގޮތުގައި ކަަމަށެވެ. އެއިން އެނގެނީ އުފެއްދުންތެރި އާބާދީއަކާއެކު ގައުމު ތަރައްގީ ކުރުމުގެ ވަރަށް ފަހި ފުރުސަތެއް ތަނަަވަސްވެފައި އޮތުން ކަމަށް ރައީސް ވިދާޅުވި އެވެ.


“ގައުމީ އާމްދަނީގައި ހިއްސާ ނުވާ ބަޔަކު ތިބުމަކީ އިގުތިސާދަށް ލޮޅުން އަރާނެ ކަަމެއް. ތަފާސްހިސާބުތަކަށް ބަލާއިރު މަތީ ސާނަވީ ނިންމާ އަންހެން ދަރިވަރުންނަށް ވުރެ ފިރިހެން ދަރިވަރުންގެ އަދަދު 2010 ވަނަ އަހަރުން ފެށިގެން ދަނީ މަދުވަމުން. އަދި އަހަރުން އަހަރަށް އެ ފަރަގު ބޮޑުވަމުން ދިއުމަކީ ގައުމީ ތަރައްގީ އަށް އެޅޭ ވަރަށް ބޮޑު ހިޔަންޏެއް،” ރައީސް ވިދާޅުވިި އެވެ.

ނަމަވެސް ރައީސް ވިދާޅުވީ އާމްދަނީއެއް ނުހޯދާ ބަޔަކު ތިބުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި މައިންބަފައިންނަށް ދިރިއުޅުން ދޫކޮށްލައިގެން އުޅޭ ޒުވާނުންގެ އަދަދު މަތިވަމުންދާ ކަމަށެވެ. އަދި ގައުމީ އާމްދަނީގައި ހިއްސާ ނުވާ ބަޔަކު އާބާދީގައި ތިބުމަކީ އިގްތިސޯދަށް ލޮޅުން އަރާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ބައެއް ތަފާސް ހިސާބުތަކަށް އަލިއަޅުވާލައި ރައީސް ވިދާޅުވީ މަތީ ސާނަވީ ނިންމައި އަންހެން ދަރިވަރުންނަށް ވުރެ ފިރިހެން ދަރިވަމުންގެ އަދަދު 2010 ވަނަ އަހަރުން ފެށިގެން މަދުވަމުންދާ ކަމަށާއި އަހަރުން އަހަރަށް އެ ފަރަގު ބޮޑުވަމުންދާ ކަމަށެވެ. އެއީ ތަރައްގީއަށް އެޅޭ ބޮޑު ހިޔަންޏެއް ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

“އާމްދަނީ ލިބޭނެ މަސައްކަތެއް ނުކޮށް މައިބަފައިންނާއި ބެލެނިވެރިންގެ މޯހިރަށް ދިރިއުޅުން ދޫކޮށްލައިގެން އުޅޭ ޒުވާނުންގެ ނިސަބަތް މަތިވަމުންދޭ. ގައުމީ އާމްދަނީގައި ހިއްސާ ނުވާ ބަޔަކު އާބާދީގައި ތިބުމަކީ އިގްތިސާދަށް ލޮޅުން އަރާނެ،” ރައީސް ސޯލިހު ވިދާޅުވި އެވެ.

ރާއްޖޭގައި ދިރިއުޅޭ ބިދޭސީ މަސައްކަތްތެރިންނާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެ މީހުންގެ ސަބަބުން ވެސް އިގުތިސާދަށް ފައިދާތަކެއް ކުރާ ކަމަށާއި އެހެން ނަމަވެސް އެ މީހުންގެ ސަބަބުން އާމްދަނީގެ ބޮޑުބައެއް ރާއްޖޭން ބޭރަށް ގެންދެވޭ ކަމަށެވެ. އެއީ ހައްލެއް ހޯދަން ޖެހިފައިވާ ކަމެއްގެ ގޮތުގައި ރައީސް ފާހަަގަކުރެއްވި އެވެ.

“ވަޒީފާގެ ބާޒާރުގައި ބިދޭސީން މިހާރު އަދާކުރާ ދައުރު ފުރިހަމަ ކުރާނެ ދިވެހިންތަކެއް އުފެދިގެން ނޫނީ ރާއްޖެ އަށް ލިބޭ އާމްދަނީ ގާދޫކޮލުން ބޭރުވިޔަ ނުދީ ހިފެހެއްޓޭނެ ގޮތެއް ނެތް،” ރައީސް ވިދާޅުވި އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!