އައިކޮމްގެ ފުރަތަމަ އާންމު އަޑުއެހުން ބާއްވައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) ގައި އާއްމުކޮށް ހުޅުވައިލައިގެން ބޭއްވި ފުރަތަމަ އާއްމު އަޑުއެހުން އިއްޔެ ބާއްވައިފި އެވެ.

އެ މައްސަލައަކީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހޯދަން ބޭނުންވި މައުލޫމާތެއް އަމިއްލަ ފަރާތެއް ކަމަށްވާ އަހްމަދު އައްފާން ޝާފިއީ އަށް ނުލިބިގެން ބަލަން ފެށި މައްސަލަ އެކެވެ. އެ މައްސަލަ ހުށަހަޅައިފައި ވަނީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެފައި އޮއްވާ، އޭނާއަށް ނޭނގި ޕާޓީ ބަދަލުވެފައި ވާތީ އެކަމާ ގުޅޭ މައުލޫމާތު ހޯދަން އެދުމުން އެ މައުލޫމާތު އިލެކްޝަންސްއިން ނުދިނުމުން ކަމަށް އައިކޮމްއިން މައުލޫމާތު ދެއެވެ.

އިއްޔެ ފުރަތަމަ އާންމު އަޑުއެހުން ބޭއްވި އިރު، މިއަދު ވެސް އާންމު އަޑުއެހުމެއް ވަނީ ބާއްވައިފައެވެ. ދެ މައްސަލައަކީވެސް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ހޯދަން ބޭނުންވި މައުލޫމާތެއް އެ ކޮމިޝަނުން ނުދީ ހިފަހައްޓާފައިވާތީ ބަލާ މައްސަލައެވެ.

މިއަދު ކުރިއަށް ދިޔަ އާންމު އަޑުއެހުމަކީ އާމިނަތު އަސްފާ ޝާފިއީ ކިޔާ ފަރުދަކު، އިލެކްޝަންސްއާ ދެކޮޅަށް ހުށަހަޅައިފައިވާ މައްސަލައެކެވެ. އެއީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެފައި ނެތް ނަމަވެސް، އޭނާގެ އިނގިލީގެ ނިޝާން ޖަހައިގެން ޕާޓީއެއްގެ ފޯމު އިލެކްޝަންސްއަށް ހުށަހަޅައިފައިވާތީ އެ ފޯމުގެ ކޮޕީއެއް ހޯދުމަށް އެދުމުން، އިލެކްޝަންސްއިން އެ މައުލޫމާތު ފޯރުކޮށްނުދިން މައްސަލައެކެވެ.

އެ މައްސަލައިގައި މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަނުން ވަނީ މައްސަލަ ހުށަހެޅި ފަރާތަށް ޖަވާބުދާރީވާން ވަގުތު ބޭނުންވާ ކަމަށް ބުނެފައެވެ. އެހެންކަމުން ލިޔުމުން ޖަވާބުދާރީ ވާން، އިލެކްޝަންސްއަށް އަންނަ އަންގާރަ ދުވަހާ ހަމައަށް ވަނީ ވަގުތު ދީފައެވެ.

އިއްޔެ ކުރިއަށް ދިޔަ މައްސަލައާއި މިއަދުގެ މައްސަލައިގައި އެއްގޮތް ކަންތައްތަކެއް ހުރުމުގެ ސަބަބުން، އެއް މައްސަލައިގެ ނަތީޖާގެ އަސަރު އަނެއް މައްސަލައަށް ކޮށްފާނެތީ، ދެ މައްސަލަ ވެސް ނިންމާނީ ދެ މައްސަލައިގެ ހުރިހާ އަޑުއެހުމެއް ނިމުމުން ކަމަށް އިންފޮމޭޝަން ކޮމިޝަނުގެ އޮފީހުން ބުންޏެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!