މަގޭ ހިޔާވެހި ޕްލެޓްފޯމަކީ ގޯތި ގެދޮރު ބޭނުންވާ ފަރާތްތަކުން ކިޔު ނުޖެހި އެ ޚިދުމަތް ލިބިގަތުމަށް ސަރުކާރުން ތައްޔާރު ކޮށްފައިވާ ޕްލެޓްފޯމެކެވެ. އިއްޔެ އިއުލާން ކުރެއްވި މަގޭ ހިޔާވެހި ޕްލެޓްފޯމުގައި މީހުން ދަނީ މިހާރުވެސް ރަޖިސްޓަރ ވަމުންނެވެ.
ތިރީގައި މިވަނީ އެ ޕްލެޓްފޯމުގައި ރެޖިސްޓަރ ކުރާނޭ ގޮތެވެ.
ފުރަތަމަ https://vehi.egov.mv “މަގޭ ހިޔާވެހި” ވެބްސައިޓަށް ވަދެވަޑައި ގަންނަވާށެވެ. ފޯނުން ނުވަތަ ކޮމްޕިޔުޓަރުން ކަމުގައި ވިޔަސް އެންމެ ރަނގަޅެވެ. އެއަށް ފަހު “ލޮގިން” ޖަހާފައި އިން ފިތަށް ތިފާލާށެވެ.

“ލޮގިން” އަށް ފިތާލީމާ ވަދެވޭނީ އީ ފާސް ވެބްސައިޓުގެ އައިޑީ ކާޑު ނަމްބަރާއި ޕާސް ވޯޑު ޖަހަން އޮންނަ ސަފުހާއަށެވެ. މި ސަފުހާގައި އެއްވެސް އެއްޗެއް ނުލިޔެ، އެންމެ ތިރީގައި އޮރެންޖު ކުލައިގެ ތީރު ޖަހާފައިވާ ލިޔުންކޮޅަށް ރަޖިސްޓްރީ ކުރަން ފެށުމަށް ފިތާލާށެވެ.

އެ ލިޔުންކޮޅަށް ފިތާލީމާ ދެން ހުޅުވޭނީ އޮންލައިން ރަޖިސްޓްރޭޝަން ފޯމެކެވެ. މި ފޯމުގައި ޖަހަންހުރި އައިޑީކާޑު ނަމްބަރާއި ދެންވެސް ހުރި މައުލޫމާތުތައް ފުރިހަމަ ކުރުމަށް ފަހު، އޮރެންޖު ކުލައިގެ ތީރާއި ދިމާލަށް އިން ގޮޅިއަށް ފިތާލުމަށް ފަހު، ދަނބު ކުލައިގެ ގޮޅިއަށް ފިތާލާށެވެ. އަދި ރަޖިސްޓްރީ ކުރުން ނިންމާލުމަށްޓަކައި އެންމެ ތިރީގައި ފެހި ކުލައިގެ ތީރުން ދައްކާފައިވާ ފިތަށް ފިތާލާށެވެ. ފިތާލުމުގެ ކުރިން ހުރިހާ މައުލޫމާތެއް ހުރީ ރަނގަޅަށްތޯ ޔަގީން ކޮށްލައްވާށެވެ.

މަތީގައިވާ ފޯމުގައި އިން އޮރެންޖު ކުލައިގެ ތީރުން ދައްކާފައިވާ ގޮޅިއަށް ފިތާލުމުން އިންސާނެއްތޯ ޔަގީން ކުރުމަށް ކުރާ ކުޑަ ސެކުޔުރިޓީ ޓެސްޓެއް ކޮށްލާނެއެވެ. އެ ޓެސްޓުގައި ބުނާ އެއްޗަކަށް (މިސާލަކަށް: ކާރު) ހުރި ހުރިހާ ފޮޓޯތަކަށް ފިތާލާށެވެ. އެއް ފަހަރު ފިތާލާ ނިންމާލުމުން އިތުރު ފަހަރަކުވެސް ހަމަ އެ މަސައްކަތް ކުރަން ޖެހިދާނެއެވެ.

ފޯމު ހުށަހަޅަށް ފެހި ކުލައިން ތީރު ދައްކާފައި އިން ފިތަށް ފިތާލީމާ ތިރީގައި މިވާ ސަފުހާއަށް ދެވޭނެއެވެ. އަދި ފޯނަށް އެސްއެމްއެސް އެއް އަންނާނެއެވެ. އެ އެސްއެމްއެސްގައި އޮތް “ކޯޑު” މި ސަފުހާގައި “ކޯޑު” ލިޔަން އޮތް ގޮޅީގައި ލިޔެލާށެވެ. އަދި އައިޑީކާޑު ނަމްބަރު ޖަހަން އޮތް ގޮޅީގައި ޖެހުމަށްފަހު، ރެޖިސްޓްރޭޝަން ފުރިހަމަކުރުމަށް، ފެހި ކުލައިން ތީރުން ދައްކާ “އެކްޓިވޭޓް” ފިތަށް ފިތާލާށެވެ.
ފޯނަށް އެސްއެމްއެސް އެއްގެ ގޮތުގައި ކޯޑު ނާންނަ ނަމަ، ރަތް ކުލައިގެ ތީރުން ދައްކާފައިވާ ފިތަށް އަލުން އެސްއެމްއެސް “ކޯޑު” ހޯދުމަށް ފިތާލާށެވެ.

މިހިސާބުން އަދި ނިމުނީކީއެއް ނޫނެވެ. “އެކްޓިވޭޓް” އަށް ފިތާލީމާ ދެން އަންނަ ސަފުހާގައި އީމެއިލުން ވެސް “އެކްޓިވޭޓް” ކުރުމަށް އެދެއެވެ. އެހެންކަމުން އެފަރާތުގެ އީމެއިލެއް އައިސްފައިވޭތޯ އީމެއިލް ބައްލަވާލައްވާށެވެ. ބައްލަވާ އިރުގައި “ޖަންކް” “ސްޕޭމް” ފޯލްޑަރ ވެސް ބައްލަވާށެވެ. ގިނަފަހަރު އީމެއިލް އޮންނަނީ އެއިން ދިމާލަކަށް ގޮސްފައެވެ.

އީމެއިލް ހުޅުވާލުމަށް ފަހު އޭގެ އެންމެ ފަހަތުގައި ތިރީގައި ރޮނގެއް ދަމާފައި އޮތް ޖުމްލައަށް ފިތާލާށެވެ. އެހިސާބުން ރަޖިސްޓްރޭޝަން މަރުހަލާ އެ ނިމުނީއެވެ.

މިހުރިހާ ކަމެއް ނިމުމުން “ލޮގިން” ވާން ބޭނުންނަމަ އަލުން ސައިޓަށް ވަދެ “ލޮގިން” އަށް ފިތާލާފައި އައިޑީކާޑާއި، ޕާސްވޯޑް ޖައްސަވާލައްވާށެވެ. އޭރުން “މަގޭ ހިޔާވެހި” ގެ ތެރެއަށް އެ ވަދެވުނީއެވެ.